ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އާނަންދު އަހޫޖާގެ ދެވަނަ ދަރިފުޅަށް "ރުދްރަލޯކް ކަޕޫރު އަހޫޖާ" ގެ ނަން ދީފިއެވެ. މިދިޔަ މާރިޗު މަހުގެ 29 ވަނަ ދުވަހު އުފަންވި މި ކުއްޖާގެ ނަން އާންމުކޮށްފައިވަނީ އިއްޔެ ސޯނަމްގެ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ހާއްސަ ޕޯސްޓެއްގައެވެ.

އާއިލީ އުފާވެރި ފޮޓޯތަކަކާއެކު ސޯނަމް އާންމުކުރި ޕޯސްޓުގައި ބުނެފައިވަނީ، ދެވަނަ ދަރިފުޅު އުފަންވުމަކީ އެ އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، އެއީ ފުރަތަމަ ދަރިފުޅު ވާޔޫއާ ގުޅިފައިވާ ރޫހީ ނިއުމަތެއް ކަމަށެވެ.

ސޯނަމް ބުނި ގޮތުގައި "ރުދްރަ" މި ނަމަކީ ހިންދޫންގެ ކަލާނގެ ބާރުގަދަކަމާއި، ތޫފާންތަކާއި، ނޭވާއާއި، ފަރުވާގެ އިތުރުން އާވުމުގެ ބާރު ރަމްޒުކޮށްދޭ ނަމެކެވެ. އަދި ފުރަތަމަ ދަރިފުޅު ވާޔޫގެ ނަމުން ދިރުން ރަމްޒުކޮށްދޭއިރު، ރުދްރަ އަކީ އޭގެ އަނެއް ބައި ކަމަށާއި، މި ދެ ނަމަކީ އެކެއް އަނެކަކަށް ބާރުދޭ ދެ ނަން ކަމަށް އޭނާ ފާހަގަކުރިއެވެ. “މި ނަމާ އެއްގޮތަށް ރުދްރަ އަކީ ބިރުކުޑަ، އޯގާތެރި އަދި އަލިކަމާއި ބާރުގެ ރަމްޒަކަށް ވުމަށް އެދެން،” ސޯނަމްގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

ސޯނަމްގެ މި ޕޯސްޓާއެކު، އާންމުންނާއި ބޮލީވުޑްގެ ގިނަ ތަރިން އަންނަނީ މި ނަމަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ. އެގޮތުން ކަރީނާ ކަޕޫރު، ބިޕާޝާ ބާސޫ، ކަރަން ޖޯހަރު އަދި ޕަރިނީތީ ޗޯޕްޅާ ފަދަ ތަރިން ވަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔައި، ކުއްޖާއަށް ދީފައިވާ ނަމަކީ ވަރަށް ފުރިހަމަ އަދި މާނަފުން ނަމެއްކަން ފާހަގަކޮށްފައެވެ. ގިނަ ބަޔަކު ވަނީ ދެ ކުދިންގެ ނަމުގެ މެދުގައިވާ ގުޅުމަށާއި، އާއިލާއިން ދަމަހައްޓަމުން އަންނަ ސަގާފީ އަދި ރޫހީ އާދަތަކަށް ވެސް ތައުރީފުކޮށްފައެވެ.

ސޯނަމް އާއި ވިޔަފާރިވެރިޔާ އާނަންދު އަހޫޖާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ. މި ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ވާޔޫ އުފަންވީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. ފަހަކަށް އައިސް ފިލްމީ ދާއިރާއާ ތަންކޮޅެއް ދުރުގައި ހުރި ސޯނަމް، އޭނާގެ އާއިލީ ދިރިއުޅުމުގެ އުފާވެރި ވަގުތުތައް އާންމުކޮށް ސޯޝަލް މީޑިއާގައި ސަޕޯޓަރުންނާ ހިއްސާކުރެއެވެ.