ޔޫއެފްއޯއާ ގުޅޭ މައުލޫމާތުތަކެއް އެމެރިކާއިން އާންމުކޮށްފިއެވެ.

އެމެރިކާގެ ޕެންޓަގަން އިން އިއްޔެ އާންމު ކުރި މައުލޫމާތުގައި ވަނީ އިންސާނުންނަށް ދުނިޔެއިން ބޭރުގައި ދިރުން ވާކަމަށް ސާބިތު ނުކުރެވުނު ނަމަވެސް އޭލިއަން ނަމުގައި އެހެން ދިރުމެއް ދުނިޔެއަށް ދަތުރުކުރަން ބޭނުން ކުރާ އުޅަނދު ޔޫއެފްއޯއާ ގުޅޭގޮތުން މީގެ ކުރީން އެއްކޮށްފައިވާ ސިއްރު މައުލޫމާތުތަކެކެވެ.

މައުލޫމާތުތައް އާންމު ކުރަމުން އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވާގޮތުން އެ މައުލޫމާތުތަކަކީ ސިއްރު މައުލޫމާތުތަކެއް ނަމަވެސް އެތައް އަހަރުތަކެއް ވާންދެން ސިއްރުކޮށްފައި ބެހެއްޓުމަށްފަހު އެމެރިކާ މީހުންނަށް މައުލޫމާތު ލިބިގަތުމަށް ދިން ފުރުސަތެއް ކަމަށް ފާހަގަކުރައްވައިފައެވެ.

ޕެންޓަގަން އިން ޔޫއެފްއޯގެ ސިއްރު މައުލޫމާތު އާންމުކޮށްފައިވާއިރު އެގައުމުގެ އިދާރާތަކުގައި ހުރި ސިއްރު ބައެއް މައުލޫމާތު އާންމުކުރައްވާނެ ކަމުގެ ސިގުނަލެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ފެބްރުއަރީގައި ދެއްވާފައިވެއެވެ.

އޭލިއަނުންނާ ގުޅޭ ގިނަ މައުލޫމާތުތަކެއް އެމެރިކާއިން ސިއްރުކޮށްގެން ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭއިރު އެމެރިކާއިން އާންމުކުރި މައުލޫމާތުން ވަނީ އެކަމުގެ ގިނަ ހެކިތަކެއް އާންމުވެފައެވެ.

162 ފައިލް ހިމެނޭ އެ ރިޕޯޓުގައި 100 އަށްވުރެ ގިން ސަފްހާ ހިމެނެއެވެ. އޮފިޝަލުން ވަނީ އަދި އިތުރު މައުލޫމާތުތަކެއް އާންމު ކުރާނެކަމަށްވެސް ފާހަގަކޮށްފައެވެ.

އެެެމެރިކާއިން އާންމު ކުރި މައުލޫމާތުގައި ހިމެނޭ ބައެއް ހާދިސާތަކަށް ބަލާއިރު އެ ގައުމުގެ އެއާ ޑިފެންސް ކޮމާންޑުގެ ޕައިލެޓެއްގެ އިތުރުން ފަސިންޖަރުން ދަތުރުކުރާ ފްލައިޓަކަށް 1947 ވަނަ އަހަރު އަލިގަދަ އޮރެންޖު ކުލައިގެ އުޅަނދެއް ޖައްވުގެ ތެރެއިން ފެނިފައިވެއެވެ. ސިކުންތު ކޮޅަކަށް ފެނުމަށްފަހު އެ އުޅަނދު ވިލާތަކުގެ ތެރެއިން ގެއްލިފައިވާކަމަށް އެރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި ވާ އެހެން ހާދިސާއެއްގައި އެމެރިކާގެ ޑްރޯން ޕައިލެޓަކަށް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެކި ކުލައިގެ އަލިތަކެއް ހިމެނޭ އުޅަނދެއް ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. 10 ވަރަކަށް ސިކުންތައްފަހު އެ އުޅަނދުވެސް ގެއްލިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި، އޭލިއަނުން އުޅޭ ކަމުގެ ވާހަކަ ތަކަކީ އަބަދުވެސް މަޝްހޫރު ވާހަކަތަކެކެވެ. ޖައްވުގެ ތެރެއިން އެކި ކަހަލަ އެއްޗެހި ފެންނަ ވާހަކަޔަކީވެސް އާންމު ވާހަކައެކެވެ. ދުނިޔޭގައި، ވަކީން ހާއްސަކޮށް ޖައްވު ތެރޭގައި ހިނގާފައިވާ ގޮތް ނޭނގޭ ހާދިސާތަކާ އޭލިއަނުންނާ ގުޅުންތަކެއް ވާނެކަމަށް ބުނެ ދެކެވޭ ވާހަކަތައްވެސް ގިނައެވެ.

މި ހުރިހާ ކަމެއްގެ ދިރާސާތައް ސައިންސްވެރިން މެދުނުކެނޑި ކުރަމުން އައިނަމަވެސް، މިހާތަނަށް ސާފު ނަތީޖާއެއް ހޯދިފައެއް ނުވެއެވެ.