ސަރުކާރުން ތަރައްގީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ، މީޑިއާ ވިލެޖުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ.

"އެ ބޭފުޅުން (ކަމާގުޅުންހުރި ވުޒާރާ) ދެއްވި މައުލޫމާތަކީ އިރާދަކުރެއްވިއްޔާ މިހާރު މިއޮތީ މެއި މަސް، ޖޫން މަހުގެ ނިޔަލަށް އެެއްކޮށް ނިންމޭނެ ކަމަށް. މިހާރު މަސައްކަތް ނިމުމާ ކައިރިވެފައި އޮތްކަމަށް އެހެން ނަމަވެސް އެންމެ ލަސްވެގެންވެސް ޖޫން މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ،" މުުންދު ވިދާޅުވިއެވެ.

މީޑިއާ ވިލެޖު ތަރައްގީ ކުރަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީގެ 17 ވަރަކަށް އަހަރު ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ހެދި އިމާރާތުގައެވެ.

މީޑިއާ ވިލެޖުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.

މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނޭ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.