ސްރީ ލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ރަސްމީ ޖާފަތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިރޭ މިރޭ ބައިވެރިވެވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ އެ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުއިއްޒު ވަނީ އެ މަނިކުފާނާއި އަނބިކަނބަލުންގެ އިތުރުން، ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެންބަރުންނަށް ލަންކާ ސަރުކާރާއި ރައްޔިތުން ވިދާޅުވި ހޫނު މަރުހަބާއާއި، އަދާކުރެއްވި ދީލަތި މެހެމާންދާރީއަށްޓަކައި ރައީސް ޑިސަނާޔަކެއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ލަންކާއަކީ ރާއްޖެއާ ވަރަށް ގާތް، އިތުބާރުހުރި އަވަށްޓެރި ގައުމެއްކަމަށް ރައީސް ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި އެކުވެރިކަމަކީ ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ދިގު ތާރީހެއް އޮތް ގުޅުމެއްކަމަށް ރައީސް ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުފުޅަކީ ދެ ގައުމުގެ ބަދަހި ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއްކަމަށާއި ރާއްޖޭގެ ތަރައްގީގައި ލަންކާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ދެމެހެއްޓެނިވި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، ތައުލީމު، އަދި ކަނޑުތައް ހިމާޔަތްކުރުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ރައީސްވަނީ ފާހަގަކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދިވެހީންގެ ހިތްތަކުގައި ލަންކާގެ ރައްޔިތުންނަށް އޮތް ގަދަރާއި އިހުތިރާމަކީ ދެ ގައުމުގެ ސިޔާސީ ގުޅުމުގެ ހަގީގީ ބާރުކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާއި ލަންކާގެ އެކުވެރިކަން އިތުރަށް ވަރުގަދަވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނުވަނީ އަރުއްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު