ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަނާލުގައި މަރުވި 18 އަހަރުގެ އަންހެން ކުއްޖާގެ މަރުގެ މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން، އެ ކުއްޖާގެ ޒާތީ މައުލޫމާތުތަކެއް ހާމަކުރެއްވުމަކީ ގޯސްކޮށް ކުރެއްވި ކަމެއް ކަމަށާއި ނަމަވެސް އެ މައުލޫމާތުތައް ހާމަ ކުރައްވަން މަޖުބޫރުވެވަޑައިގެންނެވީ ކަމަށް ރައީސް ޑރ. މުހސއްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ ކުއްޖާގެ މަރާ ގުޅިގެން ފުލުހުންގެ ވިކްޓިމް ސަޕޯޓާއި ބައެއް އިދާރާތަކުން އިހުމާލުވެފައިވާ ކަމަށް ބުނެ އާންމުންގެ ބައެއް ފަރާތްތަކުން ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އެކަންކަން ސާފުކޮށްދެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވަނީ އެކަންކަން ހިނގައިދިޔަ ގޮތުގެ ތަފްސީލާއި އެ އަންހެން ކުއްޖާ ކުރި މެސެޖްތައް ވެސް ހިއްސާ ކުރައްވައިފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން ކުއްޖާއާ ގުޅޭ ޒާތީ މައުލޫމާތާއި މެސެޖްތައް އާންމު ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ސިފަކޮށްފައިވެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަ ކުރުމަކީ ގޯސް ކަމެއް ކަމަށާއި ކިތަންމެ ކުޑަ މިންވަރެއްވެސް ހާމަ ކުރެވިގެން ނުވާނެ ކަމަށެވެ. ނަމަވެސް އެ މައުލޫމާތުތައް ހާމަ ކުރަން ޖެހުނީ މަޖުބޫރު ވެގެން ކަމަށެވެ.

"އެކަމު އެއީކީ ވެސް ރަނގަޅު ކަމެއް ނޫން. އެ ވެސް ނުދީވާނެ ގޮތް ވާން ޖެހޭނެ އަޅުގަނޑުމެންގެ ތެރެއިން އެ އަންނަ ޑިމާންޑް އަންނަނީ ގޯސްކޮށް ކަމެއް ކޮށްފައޭ މި އޮންނަނީ ކޮންމެސް މީހަކު. އެކަމާ ހަވާލުވެފައި ހުރި މީހާ ނޫނިއްޔާ އޭނާގެ ދަށުން މަސައްކަތްކުރި މީހާ. ކޮންމެސް މީހަކު ގޯސް ހަދައިފި. ފުރަތަމަ ވެސް ގޯސް ހެދިކަމަށް މި ނިންމަނީ،" ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ އެ ކުއްޖާ ކޭސްގައި އެ ދުވަހު އަސްލުގައި ހަމަ އެއްވެސް މައުލޫމާތެއް ނުދީ ވާންޖެހޭ ކަމެއް. އެކަމަކު އެކަމުގައި މަސައްކަތްކުރި ފަރާތްތަކަށް އެ އައި އިލްޒާމްތަކާއި ސޯޝަލް މީޑިއާގައި ހާއްސަކޮށް ފަތުރަމުންދިޔަ ބައިވަރު ވާހަކަތަކުގެ ސަބަބުން އެ ކަމުގައި އުޅުއްވި ބޭފުޅުން ހަމަ ލިމިޓެޑް މައުލޫމާތުކޮޅެއް ދިނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މައުލޫމާތު ވެސް ދެވިގެން ނުވާނެ ކަމަށާއި އެއީ އިންޓަނޭޝަނަލް މިންގަނޑުތަކަށް ބަލާ އިރުގައި ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި މި ޕްރޮފެޝަންގައި މަސައްކަތް ކުރާ ބޭފުޅުން ވެސް ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ވެސް ގަބޫލު ކުރައްވާ އުސޫލެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.