"އަދަދު" ނޫހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވައި ގެނެސްދިން ޑޮކިއުމެންޓްރީގައި ތުހުމަތުވާ ކަންކަމަކީ ދޮގެއް ކަމަަށާއި އެ މައްސަލައިގައި ދައުވާކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް މި ފަދައިން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޑޮކިއުމެންޓްރީގައިވާ ކަންކަމާ ގުޅޭ ގޮތުން "އަދަދު" ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، އެ ޑޮކިއުމެންޓްރީގައި ވާ ވާހަކަތަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

"ކަނޑައެޅިގެން ދޮގު ވާހަކައެއް. ދެން އަދަދު ނޫހުން ތި ވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. އެހެންވީމާ ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭ ގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ވާހަކައަށް ތި އިއުތިރާފުވެވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދައުވާކުރަން އެދެން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، "އަދަދު" ނޫހަކީ "ދޮންއަމާ"ގެ ނަމުގައިވެސް ވީޑިއޯއެއް ހަދައިގެން ދައުރުކުރި ނޫހެއް ކަމަށާއި އެހެންކަމުން "އަދަދު" ނޫހުން އެ ފަދަ ވީޑިއޯއެއް ހެދުމުން ހައިރާންވެވަޑައިނުގަންވާ ކަމަށެވެ.

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގައި، ރައީސްގެ އިސްތަށިފުޅުގައި ގަޒުފުގެ ތުހުމަތު އަޅުވާފައިވެއެވެ. އަދި ރައީސް އޮފީހުގެ ކަރާމާތް ގެއްލޭ ގޮތަށް އެ ޑޮކިއުމެންޓަރީގައި ބައެއް ވާހަކަތައް ގެނެސްދީފައިވެއެވެ.