ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސަކަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އައްޔަންކުރައްވައިފިއެވެ.

އެލްޖީއޭ އިން މިއަދު ބުނީ އެ އޮތޯރިޓީގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.

އެލްޖީއޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ގާނޫނުއަސާސީގެ 140 ވަނަ މާއްދާ އަދި ލާމަރުކަޒީ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން، މިނިސްޓަރުންގެ ތެރެއިން ރައީސް އައްޔަންކުރައްވާ ބޭފުޅާއެވެ.

އެލްޖީއޭގެ ރައީސްކަމުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. ނަމަވެސް މިމަހުގެ 14 ގައި އާދަމް ޝަރީފް، މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން، އެލްޖީއޭގެ ރައީސްކަމުގެ މަގާމު ވެސް ވަނީ ހުސްވެފައެވެ. އަދި ރައީސް މުއިއްޒު ވަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީ ވެސް އުވާލައްވައިފައެވެ.