ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ދިރިއުޅެމުންދިޔަ 18 އަހަރުގެ އަންހެން ކުއްޖަކު ރޭގެ ވަގުތެއްގައި ނިޔާވި ހާދިސާއާ ގުޅިގެން، ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތަކާއި ވީޑިއޯ ފަތުރަމުންދާތީ އެކަން ނުކުރުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ، މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި ހިނގައިދިޔަ މި ހާދިސާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަންކަމެއް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އެއްވެސް އަސާސެއް ނެތް ތުހުމަތުތަކާއި، ހަގީގަތާ ހިލާފު މައުލޫމާތުގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ދައުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ސައްހަކަން ކަށަވަރުނުވާ މައުލޫމާތު ފެތުރުމަކީ ނިޔާވި ކުއްޖާގެ އާއިލާއަށް ލިބޭ ވަރަށް ބޮޑު ހިތްދަތިކަމެއް ކަމަށާއި، އޭގެ ސަބަބުން ފުލުހުން ކުރިއަށްގެންދާ ޖިނާއީ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން އިތުރަށް ބުނީ، ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި 18 އަހަރުގެ ޒުވާނަކު މަރުވެފައިވާކަމުގެ ރިޕޯޓު ލިބުމާއެކު، އެކަމާ ގުޅޭ ތަހުގީގުތައް ވަގުތުން ފަށާފައިވާ ކަމަށެވެ.
އެހެންކަމުން، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކަމާބެހޭ އިދާރާތަކުން ރަސްމީކޮށް ހާމަކުރާ މައުލޫމާތު ނޫން އެހެން ވާހަކަތައް ނުފެތުރުމަށް ފުލުހުން ވަނީ ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކޮށްފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް