ސަރުކާރު ކުޑަކުރާއިރު ޕްރައިވެޓް ސެކްޓާގެ ފުރުސަތުތައް އިތުރު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ސިޔާސީ ވަޒީފާތައް މަދުކޮށް ހަރުދަނާ ސަރުކާރެއް ހިންގުން ކަމަށެވެ. އެހެންކަމުން ސަރުކާރުން މިހާރު ކުރިއަށް ގެންދަނީ އެމަސައްކަތް ކަމަށެވެ.

އެގޮތުން މުޅި ސަރުކާރު ކުޑަ ކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުން 33 ޕަސެންޓް މަދު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މިނިސްޓްރީ ތަކުން ވެސް މުވައްޒަފުން މަދު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރު ކުޑަކުރާ އިރު، އައްޔަނުކޮށްފައި ތިބި މުވައްޒަފުންގެ ތެރެއިން ޕާފޯމެންސަށް ބަލައި ވީހާވެސް ގިނަ ފަރާތްތަކެއް ރިލީޒް ކުރުމުގެ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ ވަޒީފާތަކުން ބައެއް ފަރާތްތައް ރިލީޒް ކުރި ކަމުގައި ވިޔަސް، އަލްޓަނޭޓިވް ރޫޓްސް އެބަ ހޯދައިދެން އާމްދަނީ ހޯދުމަށް. އެގޮތުން އެސްއެމްއީ ޑިޖިޓަލުން ކުރިއަށް އޮތް ތަނުގައި ކުދި، މީޑިއަމް ލޯނުތައް ދޫކުރުން އިތުރު ކުރާނެ. ޕްރައިވެޓް ސެކްޓާ ތެރެއަށް ދިއުމުގައި އިތުރު އިންޓެންސިވްތައް ލިބިގެންދާނެ. ހަމައެކަނި ސައިޒް ކުޑަ ކުރަނީކީ ނޫނޭ ވަށާޖެހޭ ސިޔާސަތެއް މި ގެންގުޅެނީ. ޕްރައިވެޓް ސެކްޓާގެ ފުރުސަތުތައް ފަހި ކުރެވިގެން ދިއުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވަޒީފާތަކަށް މީހުން ނަގާނީ އިއުލާނު ކޮށްގެން، ސީވީއަށް ބަލައިގެން މެރިޓް ބޭސްކޮށް ކަމަށެވެ. ނުގަވާއިދުން ނުވަތަ ގަވާއިދާ ހިލާފަށް ވަޒީފާ ދީފައިވާ ފަރާތްތައް ވަކި ކުރަން އަންގާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.