އެއްވެ އުޅުމުގެ ހައްގު އެންމެންނަށް ވެސް އޮންނާނެ ކަމަށާއި ނަމަވެސް އެއްވެ އުޅުމުގައި އަދަބު އަހުލާގު ހުންނަން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ގާނޫނާއި ގަވައިދަށް ހުރިހާ ބޭފުޅުން ވެސް އަމަލުކުރަންވާނެ ކަމަށެވެ.

"މަގުމަތީގައި މުޒާހަރާކޮށް ހެދީމަ ވަރަށް ގިނަ ރައްޔިތުންނަށް އެބަ އުނދަގޫވޭ. ވިޔަފާރިތަކަށްވެސް ވަރަށް އުނދަގޫވޭ. މި ހުރިހާ ކަމަކަށް ވިސްނައިގެން ކޮންމެ މީހަކަށްވެސް އޮންނަ ޑިމޮކްރެޓިކް ރައިޓުގެ ބޭނުންހިފުން ރަނގަޅުވާނެ،" ރައީސް މުއިއްޒު ވިދާޅުވިއެެވެ.

ރައީސް ވިދާޅުވީ މާލޭގައި ވަކި ސަރަހައްދުތަކެއް އެއްވެ އުޅުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުތަކުގައި 24 ގަޑިއިރުވެސް މުޒާހަރާ ކުރިޔަށް ގެންދެވިދާނެ ކަމަށެވެ.

"ވަކިތަނަކަށް އެއްވެ، ހިޔާލުފާޅުކުރުމަށް އެއްވެސް ހުރަހެއްނެތް. ފަސްވަރަކަށް ސަރަހައްދު މާލޭގައި އޮންނާނީ. ކުރީގައި އޮންނާނީ ކާނިވަލް ސަރަހައްދު އެކަނި. މިހާރު އޭގެ އިތުރަށް މި ސަރުކާރުން މިވަނީ އިތުރުވެސް ކޮށްފައި. އެތަންތަަނަށް އެއްވެ ކިތަންމެ ވަރަކަށްވެސް ތިއްބެވޭނެ. ރޭގަނޑުވެސް ދުވާލުވެސް. 24 ގަޑިއިރުވެސް ތިއްބެވިދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ކޮންމެ ތަނެއްގައި ވާހަކަދެއްކި ނަމަވެސް ގާނޫނާއި ގާނޫނު އަސާސީ އާއި އިސްލާމީ ހުދޫދުތަކުގެ ތެރެއިން ރައްޔިތުންގެ އަމަލުތަކާއި ބަހުރުވަ ބެހެއްޓުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަކު އަނެކަކަށް ކުރަންޖެހޭ ރެސްޕެކްޓު ކުރަން ޖެހޭނެ. އަޅުގަނޑަށް ހީވަނީ އެއީ ކަންނޭގެ ރައްޔިތުން ބޭނުންވާ ގޮތަކީ. އެެންމެންގެ ވެެސް އެބައޮތް ހައްގުތަކެއް. ހިޔާލު ފާޅުކުރުމުގެ ހައްދުތަކެއް އެބައޮތް، އަދި އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ހިފަންވީ ހުދޫދު ތަކުގެ ތެރޭގައި، އެއީ އިސްލާމް ދީނާއި ގާނޫނު އަސާސީގެ ހުދޫދުތަކުގެ ތެރެއިން." އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން އެއްވެ އުޅޭ ފަރާތްތަކަށް ފިޔަވަޅު ނާޅަން މަސައްކަތް ކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް ފުލުހަކަށް އަނިޔާކުރުން ނުވަތަ ބެރިކޭޑް ފަޅާލާފައި ނުކުތުމަކީ ހުއްދަ ނުކުރާ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެކަހަލަ ކަންކުރާ ފަރާތްތަކާމެދު ފިޔަވަޅު ނާޅައިފިނަމަ، އެ މުވައްސަސާއެއްގެ އިންޓެގްރިޓީއަށް ހުރަސްތައް ކުރިމަތިވެ، ހުރަސް އެޅި، މުވައްސަސާގެ އަގު ވެއްޓޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.