ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމުގައި ކައުންސިލުތަކުން ސަރުކާރަށް ހުރަސް އަޅާނަމަ އެކަން ހާމަ ކުރައްވާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ކޮންމެ ފިކުރަކާ އެއްކޮށް ކަމުގައިވިޔަސް އެ މަނިކުފާނު މަސައްކަތް ކުރައްވާނީ ކައުންސިލްތަކާ ގުޅިގެން ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ވީ ވައުދުތައް ފުއްދުމަށް ކައުންސިލުތަކުން ހުރަސް އަޅާނަމަ ރައްޔިތުންނަށް އެކަން ތަފުސީލުކޮށް، ކޮންމެ ހޯމަ ދުވަހަކު ސިލްސިލާކޮށް އެމަނިކުފާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކިޔައިދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ތަފުސީލުކޮށް ކިޔައިދޭނަން އެ ހަފުތާއެއްގެ ތެރޭގައި، ނޫނީ އެންމެ ފަހުން އެ ދިޔަ ދުވަސްކޮޅުގެ ތެރޭގައި، މިވެނި ސިޓީއެއްގެ ކައުންސިލުން މިހެން ކަންކަމަށް ހުރަސް އަޅައިފިކަން، އެހެންވީމާ އެޅި ހުރަހެއް ކިޔައިދޭނަން، ކިޔައިދީފައި ގާނޫނުގައި އޮންނަ ހަމަތަކުގެ މަތިން ދެން ކުރަންޖެހޭ މަސައްކަތެއް ކޮށްގެންވެސް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ހިދުމަތްތައް ކޮށްދިނުމުގައި ސަރުކާރު ދާނީ ކުރިއަށްކަން ކައުންސިލުން ހުރަސް އެޅިޔަސްވެސް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިންތިހާބު ކާމިޔާބުކޮށް އަދި މަގާމުތަކާ ހަވާލުނުވެވެނީސް ބައެއް އިންތިހާބީ ކެނޑިޑޭޓުން މަގުތަކަށް ނުކުމުގެން ހަޑި ހުރުތުބަސްތައް ބޭނުންކޮށް، ދީނީ މިންގަނޑުން ބޭރުން އަހުލާގީ ފެންވަރުދައް އަމަލުތައް ހިންގައި މަގުމަތި ހަލަބޮލި ކުރަމުންދާ ކަމަށެވެ.

"މިހާރު މިފެންނަ މަންޒަރުން މާލޭ ސިޓީ ކައުންސިލުން މި އެއްބާރުލުން ލިބޭނެތަނެއް ނުފެނޭ. އަދި ނުވޭ ހަފުތާއެއް މިހާރު މަގުމަތީގައި އެއުޅެމުންދާ ގޮތް އެފެންނަނީ." ރައީސް ވިދާޅުވިއެވެ.

ނިމިދިޔަ އިންތިޚާބުގައި އެމްޑީޕީގެ ސާފު އަގުލަބިއްޔަތު ހޯދައި، އަންނަ ދައުރަށް ހޮވުނު މާލޭ ސިޓީ ކައުންސިލަށް ފާޑު ވިދާޅުވެ، ރައީސް ވިދާޅުވީ، އެ ކައުންސިލުގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ލިބޭނެ މަންޒަރެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ސިޓީ ކައުންސިލަށް އަލަށް ހޮވުނު މެންބަރުންނަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، މާލޭގެ މަގުމަތިން ފެންނަނީ އިންތިހާބީ ކައުންސިލަރުން އިހުތިޖާޖު ކުރާ މަންޒަރު ކަމަށެވެ.

"މަގުމަތި ހަލަބޮލިކުރަމުންދާ ތަން، ހަޑި ހުތުރު ބަސްތައް ބޭނުންކުރަމުންދާ ތަން، ދީނީ މިންގަނޑުން ބޭރު، ވަރަށް އަޚްލާގީ ފެންވަރު ދަށް އަމަލުތައް ހިންގަމުންދާތަން މި ފެންނަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކޮންމެ ސިޔާސީ ފިކުރެއްގައި ކައުންސިލަށް އިންތިހާބުވިޔަސް އިންތިހާބު ވަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށާއި ކުރިއަރުވައި އިސްކުރަން ޖެހޭނީ އެ ރަށެއްގެ މަސްލަހަތު ކަމަށެވެ.