ސުކޫކް ދެއްކުމުގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ތިބި ފަރާތްތައް 10 ގުނަ އިތުރުވެފައިވާ ކަމަށް ޗީފް ގަވާމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން 2021 ވަނަ އަހަރު ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކް މި ސަރުކާރުން ވަނީ މި އެޕްރީލް މަހުގެ ދެ ވަނަ ދުވަހު ދައްކައިފައެވެ.

ޕީއެސްއެން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މުންދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރާއްޖެ ބަނގުރޫޓް ވާނެ ކަމަށް ގޮވަމުން ދިޔަ ނަމަވެސް މި ސަރުކާރުން އެކަން ނުވާނެކަން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އެގޮތުން ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުން އިތުރު ދަރަންޏެއް ނުނަގައި ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

ސުކޫކް ގުޅިފައި އޮތީ ޔޫއޭއީގެ ބޭންކްތަކަކާކަން ފަހާގަކުރައްވައި އޭނާ ވިދާޅުވީ ސުކޫކް އަނބުރާ ދެއްކުމާއެކު އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ. ޔޫއޭއީގެ ސަފީރުކަމުގައި ހުންނެވި އިރު އޭގެ ނަތީޖާ ވަގުތުން ފެނުނަކަން ފާހަގަކުރައްވައި، މުންދު ވިދާޅުވީ، ރާއްޖެއިން ސުކޫކު ދެއްކުމުން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ޔޫއޭއީގެ އެކި ފަންޑުތައް އެކުގައި ތިބޭނެކަމުގެ ޔަގީންކަންދީފައިވާ ކަމަށެވެ.

"ޔޫއޭއީގެ ދައުލަތުގެ އެކި ފަންޑުތަކުގެ ބޭފުޅުން ޔަގީންކަމާއެކު ވިދާޅުވީ ތި ކަޑައްތު ކުރީ ވަރަށް މުހިއްމު މަރުހަލާއެއް ކަމަށް، ރާއްޖެއާ މެދު ދެކޭގޮތް، ރާއްޖޭގެ ތަރައްގީއާ މެދު ދެކޭގޮތް، ރާއްޖޭގެ ސަރުކާރާމެދު ދެކޭގޮތް، ރާއްޖޭގެ މުސްތަގުބަލާ މެދު ދެކޭގޮތް މިއަދު މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައޭ، މާދަމާ ތިމަންނަމެން އެބަތިބީމޭ ތަރައްގީގެ ކަންކަމުގައި"