މަޝްހޫރު ލިޔުންތެރިޔާ، ޢަބްދުﷲ ފާރޫޤް ހަސަން ލިޔުއްވާފައިވާ، "އުޙުދު ހަނގުރާމަ" ފޮތް ރޭ ބާޒާރަށް ނެރެފި އެވެ.

މި ފޮތް ރާދަ ބުކްޝޮޕާއި އަސްރަފީ ބުކްޝޮޕުން މިހާރު ގަންނާން ލިބެން އެބަ ހުއްޓެވެ.

ފޮތުގެ މުޞައްނިފު، ފާރޫޤް ލިިޔުއްވާފައިވާ ގޮތުގައި، މި ފޮތަކީ "ކައުސާހިބާ ސައްލަﷲ ޢަލައިހި ވަސައްލަމް ގެ ލާމަސީލު ޢަސްކަރީ ޤިޔާދަތާއި ކެތްތެރިވެވަޑައިގަތުމާއި ސާބިތުވެވަޑައިގެން ހުންނެވުމުގެ ތާރީޚީ ހަނދާނެކެވެ."

ފާރޫޤް ލިޔުއްވާފައިވާ ގޮތުގައި، އުޙުދު ހަނުރާމަޔަކީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަސްކަރީ ޤިޔާދަތުގެ މޮޅުކަމާއި ހިތްވަރުފުޅު ގަދަކަމާއި ސާބިތުކަން އެންމެ ބޮޑަށް ފާޅުވެގެންދިޔަ އެއް ހަނގުރާމައެވެ. ބަދުރުގެ ބޮޑު ހަނގުރާމައިގައި މުސްލިމުންވަނީ ގުރައިޝުންގެ މައިކަށި ބިންދައިލައިފައެވެ. އުޙުދު ހަނގުރާމަޔަކީ އެކަމުގެ ބަދަލު ހިފަން ވަރަށް ބޮޑަށް ތައްޔާރުވެގެންއައިސް މަދީނާޔަށް ދިން ހަމަލައެކެވެ. ގުރައިޝުންގެ މަޤްސަދަކީ އިސްލާމް ދީނުގެ ނަބިއްޔާ ޝަހީދުކޮށްލުމެވެ. އިސްލާމީ ދައުލަތުގެވެރިރަށް ފަތަހަކޮށް އެރަށް ސުންނާފަތިކޮށްލުމެވެ.

"އިސްލާމް ދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމް ޤުރައިޝުންގެ ތިންހާސް ހެވީންގެ ލަޝްކަރާ ކުރިމަތިލެއްވީ އެންމެ ހަތް ސަތޭކަ މުޖާހިދުންގެ މައްޗަށް އެކުލެވޭ ކުޑަ ކުޑަ ގެމައަކާއިގެންނެވެ. ނަމަވެސް ހަނގުރާމައިގެ އެންމެ ފުރަތަމަ މަރްޙަލައިގައި ނަސްރު ހިނިތުންވަމުން އައީ މުސްލިމުންގެ ކުރިމަތީގައެވެ. އިތުރު ސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމްގެ މޮޅު އަސްކަރީ ހިކުމަތު އަމަލީގެ ސަބަބުންނެވެ. ނަމަވެސް މި ހަނގުރާމައިގައި މުސްލިމުންނަށްވަނީ ވަރަށް ބޮޑު ކުށެއް ކުރެވިފައެވެ. ވަގުތުގެ ކުރީން ޣަނީމާޔާ ދިމާޔަށް އެނބުރިގަނެވުނީއެވެ. މުސްލިމުންގެ ކުޅަދާނަފުޅު ކޮމާންޑަރ އިން ޗީފް ނުހަނު މޮޅަށް އުތުރުއްވައިފައިވާ ސަފުތައް ރޫޅައިލެވުނީއެވެ. ނަތީޖާއެއްގެ ގޮތުން އިސްލާމީ ލަޝްކަރު ނުހަނު ނުސިޔާނު އަދި އެހައިމެ ނުރައްކާތެރި ޙާލަތަކަށް ހުށަހެޅުނެވެ." ފާރޫޤް ލިޔުއްވައިފައިވެއެވެ.

މި މައުޟޫގައި މިފޮތް ޚާއްސަ ވާނެ ކަމަށް ފާރޫޤް "ވަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

"މިފޮތުގެ ޚާއްސަކަމަކީ މިޒަމާނުގެ ޢަސްކަރީ މުހައްލިލުންނާއި ސީރަތުޢިލްމުގެ ދިރާސާވެރީންގެ ދިރާސާތަކުގެ މައްޗަށް ފޮތް ބިނާކޮށްފައިވުން. މިފޮތުން ސާބިތުކޮށްދެނީ ރަހުމަތުގެ ނަބިއްޔާ ޞައްލަﷲ ޢަލައި ވަސައްލަމަގެ ޢަސްކަރީ ޤިޔާދަތުގެ މޮޅުކަން. އެމާތް ސާހިބާ ވަނީ ބަލިވާނެކަން ޔަޤީން ވެފައިވާ ލަޝްކަރެއް ނުހަނު ޙިކުމަތްތެރިކަމާއެކު ސަލާމަތްކުރައްވައިފައި. ޤުރައިޝުން މިހަނގުރާމައިން ޙާސިލުކުރާން ބޭނުންވި އެއްވެސް ނަތީޖާއެއް އެބައިމީހުންނަށް ޙާސިލުވިޔަ ނުދެއްވައި އެބައިމީހުން ނާކާމިޔާކޮށް ލައްވައިފައި. މިއިީ މިދެންނެވި ނަޒަރުން އުހުދު ހަނގުރާ ތަހްލީލުކޮށް ދިވެހިބަހުން ޝާއިޢު ޝާއިކުރެވޭ އެންމެ ފުރަތަމަ ފޮތް." ފާރޫޤް ވިދާޅުވި އެވެ.