ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިނިގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އާއި ނާއިބު ލީޑަރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެބޭފުޅުންގެ މަގާމުން އިސްތިއުފާދެއްވުމަށް އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަަވަމުން މެންބަރު އައްބާސް މިކަމަށް ގޮވައިލެއްވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި، ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް މިމަހުގެ ހަތަރުވަނަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓާ ބެހޭގޮތުން ފަލާހާއި ޝުޖާއު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

ފަލާހާއި ޝުޖާއުއަށް ނިސްބަތް ކުރައްވައި އައްބާސް ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކިޔައިދީ ހަގީގަތާ ހިލާފު ވާހަކަދެއްކުުމުގެ ބަދަލުގައި، ރައީސް މުއިއްޒަށް ސިޔާސީ ދޯކާދޭ ބަޔަކު ޕީއެންސީގެ ޕީޖީ ގްރޫޕުގެ ތެރޭގައި އެބަތިބި ކަމަށެވެ. ރަނގަޅު ވާހަކަ ދެއްކުމުގެ ބަދަލުގައި އެފަަދަ މީހުންގެ ބޭނުމަކީ ކުރީ ސަރުކާރުގެ ވައްކަމުގެ ވާހަކަދައްކައިގެން ދައުލަތުން ފައިސާތަކެއް ލޫޓުވާލުން ކަމަށްވެސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ، ރައީސް މުއިއްޒުގެ ނިޔަތް ރަނގަޅު ކަމަށެވެ. އަދި އެ މަނިކުފާނު ދައްކަވާ ވާހަކަފުޅުތަކާއި އެ މަނިކުފާނު މަޖިލީހަށް ފޮނުއްވާ ބިލުތައްވެސް ރަނގަޅު ކަމަށެވެ. ނަމަވެސް ޕީޖީ ގްރޫޕުގެ ބަޔަކު ދޮގާއި މަކަރު ހަދައި އެ މަނިކުފާނަށް އޮޅުވާލަމުން ގެންދާ ކަަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އެ މަނިކުފާނަށް ހަގީގަތް ކިޔައިދީ، ރަނގަޅު މީހުންނާއި ނުބައިމީހުން އޮޅުންފިލުވައިދެއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްގެ އަރިހުން އައްބާސް އެދިވަޑައިގެންނެވިއެވެ.

އައްބާސް ވިދާޅުވީ ފަލާހާއި ޝުޖާއުގެ ވާހަކަތައް މިހާރު ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ.

ހިޔާލު ހޯދުމުގެ ވޯޓުން އެކަން ހާމަވާ ކަމަށާއި، އެ ވޯޓުގައި 70 ޕަސެންޓުގެ ބޮޑު ތަފާތަކުން ސަރުކާރަށް ނާކާމިޔާބުވުމަކީ ގައުމެއްގެ ހަޔާތުގައި ލަދުގަންނަން ޖެހޭ މިންވަރެއް ކަަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ފަލާހާއި ޝުޖާއި ޕާލިމަންޓަރީ ގްރޫޕުގެ މަގާމުތަކުން އިސްތިއުފާދެއްވައި ކަން ކުރެވޭ މެންބަރުންތަކަކާ އެ މަގާމު ހަވާލުކުރުމަށް އައްބާސް ގޮވައިލެއްވިއެވެ.