ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާތީ އެތަން ވަގުތީ ގޮތުން ބަންދުކޮށްފައިވާކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިރޭ ގެޒެޓުގައިކުރި އިއުލާނެއްގައި ބުނީ ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފަށައިފައިވާ ކަމަށާއި، އެހެންކަމުން މިއަދުން ފެށިގެން ރަސްފަންނު ވަގުތީ ގޮތުން އާންމުނަނަށް ބަންދުވާނެ ކަމަށެވެ.

"މިމަސައްކަތް ހިނގާ މުއްދަތުގައި، މި މަސައްކަތް ކުރިއަށް ގެންދާ ސަރަހައްދުތައް ވަގުތީގޮތުން ބަންދުކުރަމުންދާނެކަން އާއްމުކޮށް އަންގާ އިއުލާންކުރަމެވެ." ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.

ރަސްފަންނު ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ފާހަގަކުރައްވައި އެތަން މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން، ރަސްފަންނު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.