ގިނަ ދުވަސް ތަކަަކަށް މެދުކެނޑިފައި އޮތުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހަފްތާގައި ފަށަން ނިންމައިފިއެވެ.

މަޖލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ މިދިޔަ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ. އެއަށްފަހު މިދިޔަ ރޯދަމަހުގެ ފަހު 10 އަކަށް ޖަލްސާތައް މެދުކަނޑައިލިއެވެ.

މިދިޔަ ދުވަސް ތަކުގައި މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ނަމަވެސް މަޖިލީހުގެ ބައެއް ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެއީ ބައެއް ބިލުތައް ނިންމަން ކޮމިޓީތަކުން ދިން ސުންގަޑި ހަމަވާތީ އެކަންކަން ނިންމުމަށް އިތުރު ސުންގަޑިތައް ކަނޑައެޅުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ، މަޖިލީހުގެ މި ހިނގާ މި އަހަރުގެ ފުރަތަމަ ދައުރުގެ ހަ ވަނަ ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަން ނިންމަފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ގިނަ ބިލުތަކެއް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވަނީ ވިދާޅުވެފައެވެ.

އޭގެ ތެރޭގައި މަރުގެ އަދަބު ދިނުމާ ގުޅޭ ގާނޫނަކާބެހޭ ބިލަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމާ ގުޅޭ ބިލެއް ހިމެނެއެވެ.