މިދިޔަ ހަފުތާގެ ތެރޭގައި ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ބޮޑު ބައެއް ހޯދިފައިވާ ކަމަށް އެންޓި-ސްކޭމް ސެންޓަރުން ބުނެފިއެވެ.
އެ ސެންޓަރުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާޗު މަހުގެ 29 އިން މި އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހާ ދެމެދު ޖުމްލަ 42 ސްކޭމްގެ މައްސަލަ އެންޓި-ސެކޭމް ސެންޓަރަށް ރިޕޯޓް ކުރިއެވެ.
މި މައްސަލަތަކުގައި 322,270 ރުފިޔާ ގެއްލުނު އިރު، އެންޓި-ސްކޭމް ސެންޓަރުން ކުރި މަސައްކަތުންނާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން 227,828 ރުފިޔާ (ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ) އަނބުރާ ވަނީ ހޯދިފައެވެ.
މިއީ މައްސަލަ ހުށަހެޅޭ ވަގުތުން ފެށިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން އެޅޭ އަވަސް ފިޔަވަޅުތައް ހަލުވިވެފައިވާ މިންވަރާއި ތަހުގީގުގެ މަރުހަލާތަކުގައި ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާ ކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ.
ސްކޭމް ސެންޓަރުން ބުނީ، އެންމެ ގިނައިން ހުށަހެޅެނީ އޮންލައިން ވިޔަފާރީގެ ސްކޭމްތައް ކަމަށާއި މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އޮންލައިންކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރެއިން ހިންގާފައިވާ ސްކޭމްތައް ކަމަށް ވެސް ބުނެފައިވެއެވެ. މިގޮތުން މިފަދަ ޖުމުލަ 30 މައްސަލައެއް ހުށަހެޅުނު ކަމަށާއި މީގެ ތެރޭގައި އޮޅުވާލައިގެން މުދާ ވިއްކާ ކަމަށް ދައްކައިގެންނާއި ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްގެން ހިންގާފައިވާ މުއާމަލާތްތައް ހިމެނެއެވެ.
އޮންލައިންކޮށް ވިޔަފާރިކުރާ އިރު، ހާއްސަކޮށް ނަން މަޝްހޫރު ނޫން ޕްލެޓްފޯމްތަކާއި މީސްމީޑިއާގެ މާކެޓްޕްލޭސްތައް މެދުވެރިކޮށް މުދާ ގަންނަ އިރު، ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރު ކުރުމަކީ މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށް ވުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެއް ކަމަށް އެ ސެންޓަރުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ ތެރެއިން ހިންގާ ސްކޭމްގެ ހަތަރު މައްސަލ އާއި މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ ހަތަރު މައްސަލަ އާއި، އެހެނިހެން ވައްތަރުތަކުގެ ސްކޭމްގެ ހަތަރު މައްސަލަ ހިމެނޭކަމަށްވެސް ބުނެފައިވެއެވެ. މީގެ ތެރޭގައި އަލަށް އުފެދެމުންދާ ތަފާތު އުކުޅުތައް ބޭނުންކޮށްގެން ހިންގާ މައްސަލަތައް ހިމެނެއެވެ.
އިބްރާހިމް ޒަކީ
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ