މާދަމާގެ އިންތިހާބުތަކުގައި ވޯޓުލާންވީ ގައުމީ ވިސްނުމުގައި ކަމަށާއި ޕީއެންސީއަކީ ގައުމީ ފިކުރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާދަމާ ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ އާންމު ވޯޓުގެ ކެމްޕޭންތައް ނިންމައިލުމަށް ޕީއެންސީން މިއަދު ހަވީރު ބޭއްވި ހިނގާލުމަށްފަހު، ރައީސް ވިދާޅުވީ މާދަމާފެ ވޯޓުތަކަކީ ގައުމީ ވިސްނުމުގައި ލާ ވޯޓުތަކަކަށް ވާންޖެހޭ ކަމަށާއި ކޮންމެ މީހަކީ ވެސް މުސްތަގުބަލު އުޖާލާކުރުމުގައި ގައުމަށްޓަކައި ގުރުބާނީވާ މީހަކަށް ވާންޖެހޭ ކަމަށެވެ.

މާދަމާގެ ވޯޓުގައި ނިންމާ ނިންމުންތަކަކީ އަންނާން އޮތް ޖީލުތަކުން ސުވާލުކުރާނެ ނިންމުންތަކެއް ކަމަށާއި ކޮންމެ މީހަކު ވެސް ގައުމު އިސްކޮށްގެން ގައުމަށްޓަކައި ވޯޓުދޭން ޖެހޭ ކަމަށެށެވެ. އަދި ޕީއެންސީއަކީ ގައުމީ ފިކުރު އިސްކުރާ ގައުމީ ފިކުރުގައި ނިންމުން ނިންމާ ޕާޓީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕީއެންސީއަށް ދޭ ވޯޓަކީ ބޭކާރުވެގެންދާނެ ވޯޓަކަށް ނުވާނެ ކަމަށާއި އެއީ ރައްޔިތުން މާޔޫސްވާ ވޯޓަކަށް ވެސް ނުވާނެ ކަމަށެވެ. އަދި ޕީއެންސީގެ ކައުންސިލުތަކާއެކު ނަތީޖާ ނެރެދެއްވާނެކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވިއެވެ.

ކައުންސިލުތަކަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި އޮންނަ ބައެއް ކަމަށާއި ވެރިކަން ހިންގާ ބާރުގެ ތެރޭގައި ކޯޅުންތަކަކަށް ޖާގަ ދީފިއްޔާ އެކަމުގެ ގެއްލުން ރައްޔިތުންނަށް ވާނެ ކަމަށެވެ. އަދި އެންމެ ދުވަހެއް ވެސް ނުގެއްލި ރައްޔިތުންނަށް ހިދުމަތްކޮށްދެއްވަން ބޭނުންފުޅުވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްކޮޅުމާ ގުޅޭ އާންމު ވޯޓާ ގުޅޭގޮތުން ރައީސް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން މުޅީން ވެސް ހުރީ ފައިދާތައް ކަމަށާއި ސުޕަ މެޖޯރިޓީއެއް ނެތި މަޖިލިސް ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވޭނީ ދެ އިންތިހާބު އެއްކޮށްލައިގެން ކަމަށެވެ.