އިންޑޮނޭޝިއާގެ އިރުމަތީގެ ކަނޑުގެ ސަރަހައްދަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރުދީފި އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި، ފުރަތަމަ 7.8 މެގްނިޓިއުޑްގައި ރެކޯޑު ކުރެވުނު މި ބިންހެލުން އައީ އިންޑޮނޭޝިއާގެ މޮލުކާ ކަނޑުގެ ސަރަހައްދަށެވެ.
އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމެޓޮލޮޖީ އެންޑް ޖިއޯފިޒިކްސް އެޖެންސީން ބުނި ގޮތުގައި، ބިންހެލުން އައިތާ ބައިގަޑިއިރު ނުވަނީސް ބައެއް ސަރަހައްދުތަކުން ސުނާމީ ރާޅު ރެކޯޑު ކުރެވިފައިވެއެވެ. މީގެ ތެރޭގައި ބިޓުންގް އަށް 20 ސެންޓިމީޓަރު (8 އިންޗި) އަދި ވެސްޓް ހަލްމަހޭރާ އަށް 30 ސެންޓިމީޓަރު (އެއް ފޫޓު) ގެ އުސްމިނުގެ ރާޅު އަރާފައިވެއެވެ.
އެ ގައުމުގެ ގަޑިން މިއަދު ހެނދުނު 6:48 ގައި އައި މި ބިންހެލުމުގެ ސަބަބުން ކުދި ސުނާމީ ރާޅުތަކެއް އުފެދިފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން މިހާރުވަނީ އުވާލާފަ އެވެ.
އަދި އިންޑޮނޭޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށަށް ރާޅު އެރުމުގެ ފުރުސަތު އޮތް ކަމަށް ކުރިން ބުނުމަށްފަހު، ކަމާބެހޭ ފަރާތްތަކުން މިހާރު އެ އިންޒާރުވެސް ވަނީ އުވާލާފައެވެ.
ހޮނޮލުލޫގައި ހުންނަ ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނި ގޮތުގައި ފިލިޕީންސްގެ ދެކުނުގެ ދަވާއޯ ސަރަހައްދުން 5 ސެންޓިމީޓަރު (2 އިންޗި) ގެ ރާޅު ރެކޯޑު ކުރެވުނު ނަމަވެސް، ބިންހެލުން އައިތާ ތިން ގަޑިއިރު ފަހުން ދުރު ސަރަހައްދުތަކަށް އެއްވެސް ނުރައްކަލެއް ނެތެވެ.
މިއަދު ބިންހެލުން އައި މަރުކަޒު (އެޕިސެންޓަރު) ހުރީ 205,000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ޓަރނޭޓް ސިޓީއާ ގާތްގަނޑަކަށް 120 ކިލޯމީޓަރު ދުރުގައެވެ.
އިންޑޮނޭޝިއާގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ބުނި ގޮތުގައި، ނޯތު ސުލަވެސީ ޕްރޮވިންސްގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ބިޓުންގް އާއި އެ ސަރަހައްދުގެ ރަށްތަކުގެ އިތުރުން، އަވަށްޓެރި ނޯތު މަލުކޫ ޕްރޮވިންސްގެ ޓާނޭޓް ސިޓީއަށް 10 އާއި 20 ސިކުންތާ ދެމެދުގެ ވަގުތަކަށް ބާރުގަދަ ލޮޅުންތަކެއް އިހުސާސް ކުރެވުނެވެ. ފުރަތަމަ ބެލިބެލުމުން ޓާނޭޓްގެ ބައެއް ސަރަހައްދުތަކަށް ކުދި އަދި މެދު މިންވަރުގެ ގެއްލުން ލިބިފައިވާކަން އެނގިފައިވެއެވެ. އެގޮތުން ބަޓަންގް ދުއާ އައިލެންޑް ޑިސްޓްރިކްޓްގެ ފައްޅިއަކަށް ގެއްލުން ލިބި، ސައުތު ޓާނޭޓްގެ ދެ ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ބިޓުންގް އަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އެ އެޖެންސީން ބުންޏެވެ.
އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނޯތު ސުލަވެސީގެ މިނަހާސާ ޑިސްޓްރިކްޓުން 70 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު، އިތުރު މީހަކަށް ވަނީ އަނިޔާވެފައެވެ.
އެކަމާ ގުޅޭގޮތުން ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އެ ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ.
އާއިޝަތު މާހާ
ބިންހެލުން
ބިންހެލުން
ބިންހެލުން
ބިންހެލުން