ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކުރީ؛ ހ. ނިބޫ ޝަމްއޫނު ނަސީރު (34އ) އާއި ގ. މާވާގެ އަބްދުﷲ ޔާމީން (32އ) އެވެ.

އެ ދެ މީހުން ހައްޔަރުކުރީ ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ހިންގި އޮޕަރޭޝަނެއްގައެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ އާދިއްތަ އެ މީހުން ހައްޔަރުކޮށްފައިވާ އިރު ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަމްއޫންގެ ބަންދަށް ފަސް ދުވަސް އަދި ޔާމީންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.

ޝަމްއޫންގެ ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާގެ ބަންދަށް ކުރު މުއްދަތެއް ދިނީ ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް ބުނުމުން ކަމަށެވެ.

ކޯޓުން ބުނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ކުރިއަށް ގެންދިޔަ ކަމަށާއި ޕެކޭޖާ އޭނާ ހަވާލުވި ކަމަށާއި ޕެކޭޖް ފުރަތަމަ ބަލައި ދިޔަ މީހާ ދިޔައީ އޭނާ ބުނެގެން ކަމަށް އައިއޯ ފާހަގަކުރި ކަމަށެވެ.

މި މީހުން އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1،890 ގްރާމް ކޮކެއިން ހުރި ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.

އެ މައްސަލާގައި ޔާމީންގެ ކޯޓު އަމުރުގައި ވަނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ކުރިއަށް ގެންދަނިކޮށް ޕެކޭޖް ނެގުމަށް އޭނާ ދިޔަ ކަމަށެވެ. އަދި އިތުރު މީހަކާ އެ ޕެކޭޖް އޭނާ ހަވާލުކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

އޭނާ އެ ޕެކޭޖު ބަލައި ދިޔައީ ރައްޓެއްސަކު ބުނެގެން ކަމާއި އެއީ އެ މައްސަލައިގައި ދެން ހައްޔަރުކުރި ޝަމްއޫން ކަމަށް ވެސް އަމުރުގައިވެއެވެ. އެކަން އެހެން ހިނގިކަން، ސީންގައި ވެސް ކިޔައިދީފައިވާނެ ކަމަށް ވަކީލު ފާހަގަ ކުރި ކަމަށް އަމުރުގައި ބުނެފައިވެއެވެ. ޔާމީނާއި ޝަމްއޫނަކީ ވެސް މީގެ ކުރިން ކުށުގެ ރެކޯޑް އޮތް ބައެއް ނޫން ކަމަށް ބުނެފައިވެއެވެ.