ކުޅުދުއްފުށި ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ކުދި ވިޔަފާރިތަކަށް ބޭނުންވާ ކުރު މުއްދަތުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ހިންގުމުގެ ހަމަޖެހުން ދެމެހެއްޓުމަށް އަމާޒުކޮށް، އެސްއެމްއީ ޑިޖިޓަލްއިން އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން "ވޯކިން ކެޕިޓަލް ފައިނޭންސިން" އިއްޔެ އިފްތިތާހުކޮށްފިއެވެ.

އަލަށް ތައާރަފުކުރި ވޯކިން ކެޕިޓަލް ފައިނޭންސިން ފެސިލިޓީއަކީ ވިޔަފާރިތަކުގެ ކޭޝް ފްލޯ މެނޭޖްކުރުމަށާއި، މުދާ ގަތުމަށާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ.

އެސްއެމްއީ ޑިޖިޓަލުން ބުނީ އެ ފެސިލިޓީގެ ދަށުން 2,000,000 (ދެ މިލިއަން) ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރާ އިރު، ރަހުނަކާ ނުލައި 1,000,000 (އެއް މިލިއަން) ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ ކަމަށާއި އަދި ފެސިލިޓީ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭ އިރު، ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބިގެންދާނެ ކަމަށެވެ. އެ ފެސިލިޓީއަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީކޮށްގެން ހިންގާތާ މަދުވެގެން ހަ މަސްވެފައިވާ ވިޔަފާރިތަކަށް ކަމަށް އެސްއެމްއީ ޑިޖިޓަލުން ބުންޏެވެ.

އެ ޕްރޮޑަކްޓް އިފްތިތާހުކުރަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއިއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ވިޔަފާރިތައް މެދުނުކެނޑި ކުރިއަށްދިއުމަށް ހަމައެކަނި ބޭނުންވަނީ އިންވެސްޓްމަންޓް ފައިނޭންސިން ނޫންކަން ދެނެގަނެވިފައިވާ ކަމަށާއި އެސްއެމްއީ ޑިޖިޓަލްއަށް ހުށަހަޅާ ގިނަ ފަރާތްތަކަކީ ކުރު މުއްދަތުގެ ކޭޝްފްލޯގެ ދަތިތަކުން ސަލާމަތްވުމަށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކެއް ކަމަށެވެ.

"ވޯކިން ކެޕިޓަލް ފައިނޭންސިން ތައާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ ވިޔަފާރިތައް ހިންގުމަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަކަމާއެކު އަވަސް ފުރުސަތެއްގައި ފޯރުކޮށްދިނުން. އެހެންކަމުން، މިއަދު ތައާރަފުކުރި މި ލުއި ފައިނޭންސިންގގެ ސަބަބުން ވިޔަފާރިތަކަށް އެމީހުންގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ،" ބަދުރުއްދީން ވިދާޅުވިއެވެ.

އެ ޕްރޮޑަކްޓް ތައާރަފުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުން އިއްޔެގެ ނިޔަލަށް އެސްއެމްއީ ޑިޖިޓަލްގެ ޓީމުން ކުޅުދުއްފުށި ސިޓީއަށް ކުރި ދަތުރުގެ ތެރެއިންނެވެ. އެ ދަތުރުގައި އެ ސިޓީގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް، ރަށުގެ މުޖުތަމައުއާ އޮންނަ ގުޅުން ވަނީ ބަދަހިކޮށްފައެވެ. އޭގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރި މާލީ ފުރުސަތުތަކާ ގުޅޭގޮތުންނާއި ފައިނޭންސަށް އެދެން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އެ ދަތުރުގެ ތެރެއިން، މިދިޔަ ހުކުރު ދުވަހު ކުޅުދުއްފުށި ސިޓީގައި "ސޭލްސް އެންގޭޖްމަންޓް" އިވެންޓެއް ބާއްވައި، މާލީ އެހީތެރިކަން ހޯދޭނެ ގޮތްތަކުގެ މައުލޫމާތު ދިނުމާއި، އެޕްލިކޭޝްން ހުށަހެޅުމުގައި އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އޭގެ އިތުރުން، މިދިޔަ ހޮނިހިރު ދުވަހު އެ ސިޓީގެ ހޮނިހިރު ބާޒާރަށް ޒިޔާރަތްކޮށް، ވިޔަފާރިތަކަށް ހުރި މާލީ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރަށުގެ ގިނަ ވިޔަފާރިވެރިންނާ ބައްދަލުކޮށް، އެސްއެމްއީ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައްވެސް ވަނީ އޮޅުންފިލުވައިފައެވެ.

ވޯކިން ކެޕިޓަލް ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިފައެވެ.