އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ހަމަލާގެ ސަބަބުން މިހާރު ހިނގަމުންދާ ހަނގުރާމައިގެ ހާލަތު ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި އެކަމާ ގުޅިގެން ސަރުކާރުން އަޅާން ޖެހޭ ފިޔަވަޅުތައް މިހާރުވެސް އަޅުއްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވަނީ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ލަސްކޮށްފައިވާކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ދޮގު ކުރައްވައިފައެވެ.

"އެކަހަލަ އެއްވެސް މަޝްވަރާއެއްވެސް ނުކުރަން އަދި އެގޮތަކަށް ނިންމާފަ އޮތްކަމެއްވެސް ނޫން، އިންތިހާބު ނިމިގެން އަޅަން ބަހައްޓާފަ ހުރި ފިޔަވަޅެއް ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހަނގުރާމައާ ގުޅިގެން ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާއި އަޅާން ނިންމާފައިވާ ފިޔަވަޅުތަކާއި ސިޔާސަތުތަކުގެ މައުލޫމާތު ހަފުތާއަކު އެއްފަހަރު ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ ބޭހާއި، ކާބޯތަކެތި ދަތިކަމެއްނެތި ލިބެމުންދާނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން ސްރީ ލަންކާއެކު މަޝްވަރާކޮށްފައިވާކަމަށާއި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިއްޔެވަނީ ވިދާޅުވެފަ އެވެ.

ދައުލަތުގެ ހަރަދުތައް ރިވިއުކޮށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ސަރުކާރުން މިހާރުވެސް އަޅަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.