ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުން ގަބޫލުނުކުރާކަން ރަސްމީކޮށް ދިވެހި ސަރުކާރުން އިނގިރޭސިވިލާތަށް އަންގައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ލިޔުމުން ބީބީސީއަށް މައުލޫމާތުދެއްވި ގޮތުގައި ޒަމާންވީ ބައިވެރިއެއްގެ ހައިސިއްޔަތުން، އިނގިރޭސިވިލާތުން ދެފަރާތުގެ އިހުތިރާމާއި ތާރީހީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް، މި މައްސަލަ ހައްލުކުރުމަށް މާނަހުރި މަޝްވަރާތަކެއް ކުރާނެ ކަމަށް ރާއްޖޭން ތިބީ އުންމީދުކޮށްގެންނެވެ.
އެ ބަޔާނުގައި ޗާގޯސް މައްސަލައިގައި ރާއްޖޭގެ ތަސައްވުރާއި އިނގިރޭސި ސަރުކާރާއެކު ކުރެވުނު ހާރިޖީ މުއާމަލާތްތަކުގެ ތަފްސީލު ހާމަކޮށްފައިވާކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ޗާގޯސް އެންމެ ހައްގުކަން ބޮޑީ ރާއްޖެއަށް ކަމަށްބުނެ ދިވެހި ސަރުކާރުގެ ވިސްނުން ވަނީ ތަކުރާރުކުރައްވައިފައެވެ.
އިނގިރޭސި ފޮރިން އޮފީހުން ބުނެފައިވާ ގޮތުގައި ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ގުޅޭ ކަމެއް ކަމަށާއި، އެއީ ރާއްޖެއާ ބެހޭ ކަމެއް ނޫނެވެ. އަދި އެގައުމުގެ ސަރުކާރުގެ މަސްދަރަކުން ބުނެފައިވާ ގޮތުގައި ބައިނަލްއަގުވާމީ ކޯޓުތަކުން މިހާރުވެސް ވަނީ ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައަށް ރިއާޔަތްކޮށް، އެއީ މޮރިޝަސްގެ ތަނެއް ކަމަށް ނިންމައިފައެވެ.
ރަސްމީކޮށް "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" ގެ ގޮތުގައި މަޝްހޫރުވެފައިވާ ޗާގޯސް ޖަޒީރާތައް އޮންނަނީ އިންޑިއާ ކަނޑުގައެވެ. 19 ވަނަ ގަރުނުގެ ކުރީކޮޅުން ފެށިގެން އެތަން ކޮންޓްރޯލް ކުރަމުން އަންނަނީ އިނގިރޭސިވިލާތުންނެވެ.
މޮރިޝަސްއާއެކު އިނގިރޭސި ސަރުކާރުން ވެފައިވާ އެއްބަސްވުމަށް ރަސްމީކޮށް އިއުތިރާޒުކޮށް، ރާއްޖެއިން އިނގިރޭސި ސަރުކާރަށް ސިޓީ ފޮނުވާފައިވަނީ 2024 ނޮވެމްބަރު އަދި 2026 ޖެނުއަރީގައެވެ.
"މި ހާރިޖީ މުއާމަލާތްތަކުން އިނގިރޭސީ ސަރުކާރުގެ ނިންމުން ހާމަވެއެވެ. އެއީ ދިވެހިރާއްޖޭގެ މަސްލަހަތަށް ރިއާޔަތްކުރުމެއް ނެތި، ހަމައެކަނި މޮރިޝަސްއާ މަޝްވަރާކޮށްގެން ކުރިއަށް ދިއުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމެވެ،" ބަޔާނުގައިވެއެވެ.
"އެހެންކަމުން، ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުން ރާއްޖެއިން ގަބޫލުނުކުރާކަން ރަސްމީކޮށް ވަނީ އަންގައިފައެވެ."
މިދިޔަ ޑިސެމްބަރު މަހު އިނގިރޭސީ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑޭވިޑް ލެމީއާ ލެމީއާ ފޯނުން ކުރެއްވި މަޝްވަރާގައި ރައީސް މުއިއްޒު ވަނީ، އެ ޖަޒީރާތައް ބަދަލުކުރުމުގެ އެއްވެސް ނިންމުމެއްގައި ރާއްޖޭގެ މަސްލަހަތުތަކަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
2023 ވަނަ އަހަރު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނެރުނު ހުކުމުގެ ސަބަބުން ޗާގޯސްގެ މައްޗަށް މޮރިޝަސްއިން ކުރާ ދައުވާތަކަށް ވަނީ އިތުރު ބާރެއް ލިބިފައެވެ. މިކަން ކޮށްފައިވަނީ 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އިސްތިޝާރީ ލަފަޔަކަށް ތާއީދުކޮށްގެންނެވެ.
އައިސީޖޭ އިން ނިންމާފައިވަނީ 1965 ވަނަ އަހަރު އިނގިރޭސިވިލާތުން މޮރިޝަސްއާ ޗާގޯސް ޖަޒީރާތައް ވަކިކުރުމަކީ ގައިރު ގާނޫނީ ކަމެއް ކަމަށާއި، ވީ އެންމެ އަވަހަކަށް އެ ސަރަހައްދު ހިންގުން އިނގިރޭސިވިލާތުން ހުއްޓާލަންޖެހޭނެ ކަމަށެވެ.
މި އިސްތިޝާރީ ލަފަޔަކީ އަމަލުކުރުން މަޖުބޫރު ނިންމުމަކަށް ނުވި ނަމަވެސް، މީގެ ގާނޫނީ ބަރުދަނެއް ހުރުމާއެކު، 2019 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުން ވަނީ ގާތްގަނޑަކަށް ހުރިހާ ގައުމެއްގެ އިއްތިފާގުން އެ ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައިފައެވެ.
ދިވެހި ސަރުކާރުން ވަނީ މި ގާނޫނީ ނިންމުންތައް މުރާޖައާ ކުރަމުންދާ ކަމަށް ބުނެފައެވެ.
"ތާރީހީ އަދި ޖިއޮގްރަފީ ގޮތުން އޮތް ކައިރިކަމަށް ބަލާ އިރު، ޗާގޯސް އާކިޕެލަގޯގެ މައްޗަށް އޮތް އިސްތިގުލާލީ ހައްގުތަކުގެ އިސް ދައުވާއެއް އޮތީ ދިވެހިރާއްޖެއަށް ކަމަށް ދިވެހި ސަރުކާރުން ދެކެއެވެ." އެ ބަޔާނުގައިވެއެވެ.
"އެހެންކަމުން، އެއްވެސް ގައުމަކަށް މި ސަރަހައްދުގެ ސިޔާދަތީ ބާރު ލިބެންޖެހޭނަމަ، އެންމެ ހައްގުކަން ބޮޑީ ރާއްޖެއަށެވެ."
އެ ބަޔާނުގައި ބުނެފައިވަނީ އައިސީޖޭއަށް "ރަސްމީ ހުށަހެޅުމެއް ހުށަހެޅުމަށް ހުރި ހުރިހާ މަގުތަކެއް" ދިވެހި ސަރުކާރުން ހޯދާނެ ކަމަށާއި، "ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ހުރި ހުރިހާ ގާނޫނީ ވަސީލަތްތަކެއް ވަޒަންކުރަމުންދާ" ކަމަށެވެ.
"ޒަމާންވީ ބައިވެރިއެއްގެ ހައިސިއްޔަތުން، އިނގިރޭސިވިލާތުން ދެފަރާތުގެ އިހުތިރާމާއި ތާރީހީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް، މި މައްސަލަ ހައްލުކުރުމަށް މާނަހުރި މަޝްވަރާތަކެއް ކުރާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަމެވެ،" ބަޔާނުގައިވެއެވެ.
ޗާގޯސްގެ މައްސަލައިގައި މޮރިޝަަސް އިން ވަނީ މިދިޔަ މަހުގެ 27 ގައި ރާއްޖެއާއެކު ހާރިޖީ ގުޅުން ސަސްޕެންޑު ކުރަން ނިންމައިފައެވެ. ނަމަވެސް ސިޔާސީ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ޗާގޯސް ހައްގު ނުވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އާއިޝަތު މާހާ
ޗާގޯސް އައިލެންޑްސް
ޗާގޯސް އައިލެންޑްސް
ޗާގޯސް އައިލެންޑްސް
ޗާގޯސް އައިލެންޑްސް
ފަލަސްތީނަކީ އިނގިރޭސީންނާ ބެހޭ ތަނަކަށް ވާތީތަ އެތަނަށް ޒަޔަނިސްޓް ޔަހޫދީން އަރުވާ ފުރާލާފަ އެއޮތީ……؟ ޢަޖައިބުވޭ.
ނުރަބޯ - 3 މަސް ކުރިން