އެގައުމު ކައްކާ ގޭހަށް ނުޖެހޭ ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޭކު ހަބަރުތަކުގައި އެގައުމުގެ އާންމުން ކައްކާ ގޭސް ގަތުން އިތުރުވެ މީހުންގެ ތެރޭގައި ކަންބޮޑުވުން އުފެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ޕެޓްރޯލިއަމް އެންޑް ނެޗަރަލް ގޭސް އިން ބުނީ އެގައުމުގެ އާންމުން ކަންބޮޑުވާން ޖެހޭވަރަށް ހާލަތު ގޯސް ނުވާ ކަމަށެވެ. އެގޮތުން އިންޑިއާގައި ކައްކާ ގޭހުގެ ބޮޑު ސްޓޮކެއް ހުރި ކަމަށާއި ކައްކާ ގޭހަށް އެގައުމު ނުޖެހޭ ކަމަށް މިނިސްޓްރީ އިން ބުނެެއެވެ.

އިންޑިއާގެ ކަމާބެހޭ މިނިސްޓްރީ އިން ވަނީ އާންމުންގެ މެދުގައި ދޮގު މައުލޫމާތު ދައުރުވަމުން އަންނަ ކަމަށް ބުނެ އެކަމަށް އެންމެން ސަމާލުވުމަށް ބުނެފައެވެ.

އިންޑިއާ އަކީ ދުނިޔޭގެ ހަތަރު ވަނައަށް އެކި ބާވަރުގެ ތެޔޮ ރިފައިން ކޮށް އެކްސްޕޯޓު ކުރާ ގައުމެވެ. އިންޑިއާއިން 150 ގައުމަކަށް ސާފުކުރި ތެޔޮ އެކްސްޕޯޓު ކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮފިޝަލުން ވަނީ މެދުއިރުމަތީގެ ހާލަތު ގޯސްވި ނަމަވެސް އެގައުމަށް ސާފު ނުކުރާ ތެޔޮ 41 ސަޕްލަޔަރެއް މެދުވެރިކޮށް ލިބިފައިވާ ކަމަށާއި އެގައުމުގެ ތެޔޮ ރިފައިން ކުރާ ކާރުހާނާތައް ވެސް 100 ޕަސެންޓް އޮޕަރޭޓު ކުރަމުން އަންނަ ކަމަށް ބުނެފައެވެ. މީގެ އިތުރުން ކުރިޔަށް އޮތް 60 ދުވަހަށް ވާވަރަށް އިންޑިއާގައި ތެޔޮ ރައްކާ ކުރެވިފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.