އެމެރިކާއާއި އިޒްރޭލުން އިސްވެ އޮވެ އީރާނަށް ހަމަލާ ދިނުމުން މެދުއިރުމަތީގައި މިހާރު ފެށިފައިވާ ހަނގުރާމައާ ގުޅިގެން ތެލާއި ގޭހުގެ އަގު އުފުލެމުންދާއިރު، ހަރަދު ކުޑަކުރެވޭނެ ދާއިރާތައް ހިމެނޭ ޕްލޭން ހަފުތާއެއްގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މި ވަގުތަށް ރާއްޖެއަށް ބޭނުންވާ ތެލާއި ގޭހާއި އަސާސީ ކާބޯތަކެތީގެ ސްޓޮކް އެބަހުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ހަނގުރާމަ މިއަދު ހުއްޓުނު ނަމަވެސް އޭގެ އަސަރުތައް ހަތަރެއް ނުވަތަ ފަސް މަހަށް ދެމިގެންދާނެ ކަމަށް އިގުތިސޯދީ މާހިރުން ވިދާޅުވާތީ، ހަރަދު ކުޑަކުރުމަކީ ރާއްޖެއިންވެސް އިސްކަން ދޭނެ ކަމެއް ކަމަށެވެ. އެގޮތުން ހަރަދު ކުޑަކުރެވިދާނެ ދާއިރާތައް ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ފައިނޭންސް ކުރެވޭނެ ކޮންމެވެސް މެކޭނިޒަމެއް ގެންނަން ޖެހޭނެ. ޓޯޓަލް ފައިނޭންސިން އެވެއިލަބަލްވާނެ އަދަދަށް ވެސް ބަދަލު އަންނާނެ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭ އަޅުގަނޑު ރައީސް އަރިހަށް ދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ޕްލޭން ފަހަރުގައި އާއްމު ނުކުރި ނަމަވެސް އޭގައި ހުރި މުހިއްމު ކަންކަން ހާމަކުރާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރުވެސް ހަރަދު ކުޑަކުރުމަށް ބައެއް މަސައްކަތްތައް ކުރާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކުރުމާއި ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލުމަށް އިރުޝާދު ދިނުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.