ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައެއްނުގަތެވެ.

މި ވޯޓް ނަގަން ނިންމާފައި އޮތީ، އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއެކުއެވެ.

ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އަޑު އުފުލަމުން އަންނަނީ އިދިކޮޅު އެމްޑީޕީންނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އާއި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަންސިޔާމް) ގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވަނީ އެކަމަށް ތާއީދުކޮށްފައެވެ.

އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ގާނޫނު އަސާސީއަށް ގެނައި އިސްލާހު މިހާރު ބާތިލްވެފައިވާ ކަމަށް ކަނޑައެޅުމަށެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ހުސެއިން ވިދާޅުވެފައިވަނީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތައް 15 ދުވަހުގެ ތެރޭގައި ތަސްދީގުކުރަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. ދެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަޖިލީހުން ފޮނުވީ މިދިޔަ މަހުގެ 11 ވަނަ ދުވަހުކަމަށްކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ކޮންމެ ގޮތަކަށް ގުނިއަސް ގާނޫނުއަސާސީގައި ބުނާ މުއްދަތު މިހާރު ފާއިތުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބާތިލްވެފައިވާ ބިލަކާ މެދު ނަގަންޖެހޭ ފެންނަ ނުފެންނަ ވޯޓެއް ނޯންނާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިލެކްޝަންސް ކޮމިޝަނާއި، ދިވެހި ދައުލަތް (އެޓާނީގެނެރަލްގެ އޮފީސް)ހުގެ މައްޗަށް ހުށަހެޅި މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަތުމަށް ނިންމާފައިވާކަަމަށް އެ ކޯޓޫގެ ރަޖިސްޓްރާ ވަނީ އަންގަވައިފައެވެ. ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ބުނާ އިޖުރާއަތަށް އަމަލުކުރަން ޖެހޭނީ ރައީސް ބިލެއް ތަސްދީގު ނުކުރަން ނިންމާ ހާލަތުގައި ކަމަށްވުމެވެ. އަދި ހުށަހަޅާފައިވާ މައްސަލާގައި ހިމެނޭ ބިލު ތަސްދީގު ނުކުރަން ރައީސް ނިންމެވި ކަމަށް އެނގެން ނެތް ކަމަށް ވެސް ރަޖިސްޓްރާގެ ނިންމެވުމުގައި ވިދާޅުވެފައިވެއެވެ.

އަލީ ހުސެއިން ހުށަހެޅި މައްސަލަ ބަލައި ނުގަތް ނަމަވެސް، އެ ވޯޓު ހުއްޓުވަން އިދިކޮޅު އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް، އައިކް އަހުމަދު އީސަ އާއި ވަކީލް އިބްރާހިމް ޝިޔާމު ހުށަހެޅި ދުސްތޫރީ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ބަލައިގެންފައެވެ.