ސިފައިންގެ ހިދުމަތާއި ދިވެހި ފުލުހުންގެ ހިދުމަތަށް ގިނަ ދުވަސްތަކެއް ވާންދެން ހިދުމަތް ކުރެއްވި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމު އަދާކުރައްވާފައިވާ އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަބްދުއްޝަކޫރު އަވަހާރަވީ މިއަދު ހެނދުނު 10:15 ހާއިރު އިންޑިއާގައެވެ.

އަބްދުއްޝަކޫރު ވަނީ 30 ޑިސެންބަރު 1965 ން ފެށިގެން 31 އޮގަސްޓު 2004ގެ ނިޔަލަށް، ނޭޝަނަލް ސެކިއުރިޓީ ސާވިސްގައި އަދި އެކެއް ސެޕްޓެމްބަރު 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިދުމަތަށް ބަދަލުވެވަޑައިގަތުމަށްފަހު، ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ފުރަތަމަ އަދާކުރެއްވީ، ސިފައިންގެ މީހެއްގެ ވަޒީފާއެވެ. އޭގެފަހުން، ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ހަތަރު ނަންބަރު ސަރުދާރު ކަމާއި، ކޯޕްރަލް ކަމާއި، ސާޖަންޓް ކަމާއި، ސްޓާފް ސާރޖަންޓް ކަމާއި، ލެފްޓިނަންޓް ކަމާއި، ފަސްޓް ލެފްޓިނަންޓް ކަމާއި، ކެޕްޓަން ކަމާއި، މޭޖާ ކަމުގެ ރޭންކް ފުރުއްވައިފައި ވެއެވެ.

އެންއެސްއެސްގައި އެންމެފަހުން ހުންނެވީ، ލެފްޓިނަންޓް ކާނަލް ރޭންކުގައި، ސިފައިންގެ ސްޓާފް ބޯޑުގެ މެންބަރެއްގެ ގޮތުގައެވެ. އަބްދުއްޝަކޫރު އަބްދުﷲ ސިފައިންގޭގައި އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައި ވަނީ ތަހުގީގީ އިދާރާގައެވެ. ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔާޑް) އަބްދުއްޝަކޫރު އަބްދުﷲ އަކީ، އެންއެސްއެސްގެ ހިދުމަތުގައި އުޅުއްވަމުން، ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ ކޮމިޝަނަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އެކެއް ސެޕްޓެންބަރު 2004 ގައި، މޯލްޑިވްސް ޕޮލިސް ސާވިސް އުފެއްދެވުމާ ގުޅިގެން، ސީނިއާ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކަށް ބަދަލުކުރެއްވިއެވެ. ފަހެއް އޮގަސްޓު 2008 ން ފެށިގެން ރިޓަޔާ ކުރެއްވުމާ ހަމަޔަށް ހުންނެވީ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކުގައެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގައި އަބްދުއްޝަކޫރު ހިދުމަތް ކުރެއްވިއިރު، ފުލުހުންގެ ޕްރޮމޯޝަން ބޯޑުގެ ޗެއާމަން ކަމާއި، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑް ކަމާއި، ޑިސިޕްލިނަރީ ބޯޑުގެ ވައިސް ޗެއާމަންކަންވެސް ކުރެއްވިއެވެ.

އަބްދުއްޝަކޫރު އަބްދުﷲ، ސިފައިންގެއަށް ކޮށްދެއްވައިފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، 8 ކުލައާއި، 8 މެޑެލް ލިބިވަޑައިގެންފައިވެއެވެ.

ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ހާއްސަ ހިދުމަތުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލައާއި، ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ ކުލައާއި، އިހުލާސްތެރި ހިދުމަތުގެ ކުލަ އާއި، ސިފައިންގެ ހިދުމަތުގެ ކުލަ ހިމެނެއެވެ. އޭގެ އިތުރުން އަހުލާގީ ކުލަ ދެފަހަރަށް ލިބިވަޑައިގެންފައިވެއެވެ.

ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، މަތިވެރި ހިދުމަތުގެ މެޑެލް، ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑެލް، އިހުލާސްތެރި ހިދުމަތުގެ މެޑެލް، އަހުލާގީ މެޑެލް، ތިނެއް ނޮވެންބަރުގެ މެޑެލް އަދި ސައްތައިގެ މެޑެލް ހިމެނެއެވެ. ފަހުން ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި އިރު، ފުލުހުންގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެލްވެސް ހާސިލު ކުރައްވާފައިވެއެވެ.

އަބްދުއްޝަކޫރު އަބްދުﷲ ދައުލަތަށް ކުރެއްވި ހިދުމަތުގެ އަގުވަޒަންކުރައްވައި 2024 ވަނަ އަހަރު ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުއްވައިފައެވެ.