އީރާނުގެ ހަކަތައިގެ ސިނާއަތަށް ހަމަލަދިނުން
އެމެރިކާޔާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ހަތަރުވަނަ ހަފުތާގެ ދުވަސްތައް ގުނެމުންދާއިރު މި ހަނގުރާމަ މިހާރު އެހެރަގެން ބަދަލުވަމުންދަނީ ހަކަތައިގެ ހަނގުރާމައަކަށެވެ. މުޅި މެދުއިރުމަތި ޝާމިލްވާ ގޮތުންނެވެ. ހަމަލަތައް އަމާޒުވަމުން ދަނީ ހަމައެކަނި އަސްކަރީ ތަންތަނަކަށް ނޫނެވެ. ހަކަތައިގެ މަރުކަޒުތަކަށް ހަމަލަދިނުންވެސް އަންނަނީ އިތުރުވަމުން ފުޅާވަމުންނެވެ. ހަކަތައިގެ މަރުކަޒުތަކަށް ހަމަލަދޭން ފެށުމުގައިވެސް އިސްނެގީ ހަނގުރާމަ ފެށި މީހުންނެވެ. އިޒްރޭލާއި އެމެރިކާއެވެ. މާޗް މަހުގެ ތޭރަވަނަ ދުވަހު އެމެރިކާއިން ވަނީ އީރާނުގެ ޚަރްގު ޖަޒީރާގެ ނުވަދިހަ އަމާޒަކަށް ހަމަލަދީފައެވެ. މިދެންނެވި ޖަޒީރާއަކީ އީރާނުގެ ތެލުގެ ސިނާއަތުގެ އެންމެ މުހިންމު ހަބެވެ. އޭގެ ފަސްދުވަސް ފަހުން އިޒްރޭލުން ވަނީ އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑަށް މާޗް އަށާރަވަނަ ދުވަހު ހަމަލަދީފައެވެ. މިއީ މުޅި ދުނިޔޭގެވެސް އެންމެ ބޮޑު ގޭސް ފީލްޑެވެ. އެތަނުގައިވާ އެތަކެެއް ރިފައިނަރީއެއް އިޒްރޭލުން ވަނީ ސުންނާފަތި ކޮށްފައެވެ.
*އީރާނުގެ ރައްދު ގަތަރާއި ކުވޭތަށް
އިޒްރޭލުގެ މި ހަމަލައިގެ ރައްދުގައި އީރާނުން އެޅި ފިޔަވަޅުގެ ސަބަބުން މުޅި ދުނިޔެއަށްވެސް ދިޔައީ ގުޑުން އަރައިގެންނެވެ. ހަމައެދުވަހު އީރާނުން ވަނީ ގަތަރުގެ ރައުސް ލަފާން އިންޑަސްޓްރިއަލް ސިޓީއަށް ހަމަލަދީފައެވެ. އެތަނުގެ ވަށައިގެންވާ ތެލާއި ގޭހުގެ މަރުކަޒުތައް ވަނީ ސުންނާފަތިވެފަައެވެ. ރައުސް ލަފާން އިންޑަސްޓްރިއަލް ސިޓީއަކީ ގަތަރުގެ ގޭހުގެ ސިނާއަތުގެ މައި ހަބެވެ. މިއީ 26 ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން ގާއިމު ކުރެވިފައިވާ ސިޓީއެކެވެ. މިތަނަށް ލިބުނު ގެއްލުންތައް ވިހި ބިލިޔަން ޑޮލަރަށް އަރައެވެ. އީރާނުގެ ރައްދުގެ ސަބަބުން ގަތަރުގެ ގޭސް އުފެއްދުމުގެ ކެޕެސިޓީގެ ފަންސަވީސް އިންސައްތަ ވަނީ އުނިވެގެން ގޮސްފައެވެ. އެވަރަކުން އަދި ނުނިމެއެވެ. ކުވޭތުގައިވާ ހަކަތަައިގެ ބައެއް ރިފައިނަރީތަކަށްވެސް އީރާނުން ވަނީ ހަމަލަދީފައެވެ. މިހިސާބުން އުފެދޭ ސުވާލަކީ އެމެރިކާޔާއި އިޒްރޭލުން އީރާނުގެ ހަކަތައިގެ ސިނާއަތާ ގުޅުންހުރި ތަންތަނަށް ހަމަލަދިނީމާ އޭގެ ރައްދު އަމާޒު ކުރަންވީ ގަތަރާއި ކުވޭތަށް ބާވައެވެ.
ހަމަލަދެނީ އެމެރިކާގެ މަސްލަހަތު އޮންނަ ތަންތަނަށް
އީރާނުން ހަމަލަދިން ގަތަރުގެ ގޭސް މަރުކަޒުގެ އެއް ހިއްސާދާރަކީ އެމެރިކާގެ އެކްސަން މޯބިލް ކުންފުންޏެވެ. އެއީ އެމެރިކާގެ މަސްލަހަތު އޮންނަ ތަނެކެވެ. ކުވޭތުގެ ރިފައިނަރީވެސް ހަމައެފަދައެވެ. އީރާނުގެ ބޭންކުތަކަށް ހަމަލަދީފިއްޔާ އެމެރިކާޔާއި އިޒްރޭލުގެ ކުންފުނިތަކުގެ ހިއްސާ އޮންނަ ބޭންކުތަކަށް ހަމަލަދޭނެ ކަމުގެ އިންޒާރުވެސް އީރާނުން އައީ ދެމުންނެވެ. އެފަދަ ބޭންކުތައް އަބޫދާބީއާއި ދުބާއީގައި ވަރަށް ގިނައެވެ. އެހެންވީމާ މިފެންނަނީ އެއްބަޔަކު ކުރާ ކަމެއްގެ ރައްދު ހަމައެބީދައިން އަނެއް ބަޔަކުވެސް ދެމުންދާ މަންޒަރެވެ. އައު އުސްމިނަކަށް މި ނުރައްކާ އުފުލިގެންދާން އުޅޭކަމުގެ ކުލަވަރު މިހާރު އެދަނީ ފެންނަމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އީރާނަށް ދީފައިވާ 48 ގަޑިއިރުގެ މުހުލަތަކާއި އިންޒާރެއްގެ ސަބަބުންނެވެ. ޓްރަމްޕުގެ މުހުލަތު މިރެޔަށް ހަމަވާނެއެވެ. އެހެންވީމާ ކުރިއަށް ދެންއޮތީ ހަނގުރާމައިގެ ވަރަށް ބިރުވެރި ފިޔަވައްސެއް ކަމަށް ހީވެއެވެ. ހަނގުރާމަ އިތުރަށް ފުޅާވަނީ ކަމަށް ހީވެއެވެ.
ޑޮނަލްޑް ޓްރަމްޕުގެ އައު އިންޒާރާއި މުހުލަތު
ރައީސް ޓްރަމްޕު ބުންޏެވެ. އެއްވެސް ޝަރުތެއްނެތި އެންމެނަށްވެސް ބޭނުންކުރެވޭ ގޮތަށް މިވަގުތުން ފެށިގެން ކުރިޔަށްއޮތް ސާޅީސްއަށް ގަޑިއިރު ތެރޭގައި ހޮރުމުޒް ކަނޑުއޮޅި އީރާނުން ހުޅުވައިނުލައިފިއްޔާ ދަންނާށެވެ. އީރާނުގެ ކަރަންޓު އުފައްދާ އެންމެހައި ތަންތަނަށް ހަމަލަދީ އެތަންތަން އަހަރެމެން ނައްތައިލާނަމެވެ. އެންމެ ފުރަތަމަވެސް ނައްތައިލާނީ އެންމެބޮޑު އިންޖީނުގެއެވެ. ޓްރަމްޕު މިހެންބުނީ މީސްމީޑިޔާއަށް އިއްޔެ އޭނާ ދޫކުރި އިންޒާރުގެ މެސެޖެެއްގައެވެ. ހަމަލަތައް ފަށާނީވެސް އީރާނުގެ ކަރަންޓު އުފައްދާ އެންމެ ބޮޑު ޕްލާންޓުން ކަމަށް ޓްރަމްޕު ބުނިއިރު އެއީ ކޮން ޕްލާންޓެއްކަން ހާމައެއް ނުކުރެއެވެ. ކަރަންޓު އުފެއްދުމުގެ ކެޕެސިޓީއަށް ބަލާއިރު އީރާނުގެ އެންމެ ބޮޑު ޕްލާންޓަކީ ވެރިރަށް ތެހެރާނުގެ ކައިރީގައިވާ ދަމަވަންދު ޕަވަރ ޕްލާންޓެވެ. ޓްރަމްޕުގެ މި އިންޒާރަށް އީރާނުންވެސް ވަނީ ހަމަ އެބީދައިން ރައްދުދީފައެވެ. އީރާނުގެ އިންގިލާބީ ގާޑުންގެ ފަރާތުން ނެރުނު ދިގު ބަޔާނަކުންނެވެ.
ޓްރަމްޕުގެ އިންޒާރަށް އީރާނުން ދީފައިވާ ޖަވާބު
މިބަޔާނުގައި ބުނެފައިވެއެވެ. އަހަރެމެންގެ ކަރަންޓު އުފެއްދުމުގެ ނިޒާމަށް އެމެރިކާއިން ހަމަލަދީފިއްޔާ ދެންވާނެގޮތްވެސް ދަންނާށެވެ. ހޮރުމުޒް ކަނޑުއޮޅި އެންމެނަށްވެސް ބަންދުކުރާނަމެވެ. ހަތުރުންގެ އިތުރުން މިތުރުންވެސް ހިމެނޭގޮތުންނެވެ. އިޒްރޭލުގެ ކަރަންޓު އުފައްދާ އެންމެހައި ތަންތަނަށް ހަމަލަދޭނަމެވެ. އަދި ގަލްފުގެ އަރަބި ގައުމުތަކުގައި ތިބި އެމެރިކާ ސިފައިންނަށް ކަރަންޓުގެ ވަސީލަތް ފޯރުކޮށްދޭ އެންމެހައި ތަންތަނަށްވެސް ހަމަލަދޭނަމެވެ. އެއްވެސް ތަނެއް އިސްތިސްނާ ކުރުމެއް ނެތެވެ. އަދިވެސް ބުންޏެވެ. ކަލޭމެން އަހަރެމެންގެ ހަސްފަތާލުތަކަށް ބޮންއަޅައިފިއެވެ. އަހަރެމެން އެކަމެއް ނުކުރަމެވެ. އަހަރެމެންގެ ސްކޫލްތަކަށްވެސް ކަލޭމެން ބޮންއަޅައިފިއެވެ. އެކަމެއްވެސް އަހަރެމެން ނުކުރަމެވެ. އެކަމަކު ޚަބަރުދާރެވެ. އަހަރެމެންގެ ކަރަންޓު އުފައްދާ ޕްލާންޓުތަކާ ކުޅެން ނޫޅެއްޗެވެ. ކަލޭމެންގެ މިތުރުންގެ ކަރަންޓަށް އަހަރެމެން ވަރުގަދަ ހަމަލާތަކެއް ދޭނަމެވެ. އައިއާރްޖީސީގެ މި އިންޒާރު އަމާޒުވަނީ އިޒްރޭލަށާއި ގަލްފުގެ އަރަބި ގައުމުތަކަށެވެ.
ގަލްފުގެ ކަރަންޓަށް ހަމަލަދޭނެ ކަމަށް ބުނާ ސަބަބު
އެބުނާ ވާހަކައިގެ މުރާދަކީ އީރާނުގެ ކަރަންޓު އުފައްދާ ތަންތަން ހަލާކުކޮށްފައި ދެން އެމެރިކާއަށް ވާގިވެރިވާ ގައުމުތަކުގެ ކަރަންޓު އުފައްދާ ތަންތަން ސަލާމަތްވާނެ ކަމަށް ހީނުކުރާށެވެ. ކުވޭތު، ގަތަރު، ބަހުރައިން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އޮމާން އަދި ސައޫދީ އަރަބިޔާގެ އިންޖީނުގެތަކަށްވެސް ހަމަލަދޭނަމެވެ. އެހެނީ އެތަންތަނުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކަރަންޓު ފޯރުކޮށްދެނީ މި ގައުމުތަކުގެ ރަސްމީ ވިޔުގައިގެ ތެރެއިންނެވެ. ގަލްފުގެ އަރަބި ގައުމުތަކަކީ ޑިސެލިނޭޝަން ޕްލާންޓުތައް ބޭނުންކޮށްގެން ލޮނު މީރުފެނަށް ބަދަލުކޮށްގެން ބޭނުންކުރާ ގައުމުތަކެވެ. މިދެންނެވި ޑިސެލިނޭޝަން ޕްލާންޓުތައް މައިގަނޑުގޮތެއްގައި އޮޕަރޭޓްކުރަނީ ގަލްފު ސަރަހައްދުގައެވެ. އެތަންތަނަށްވެސް އީރާނުގެ ރައްދު ހަމަލަ އަމާޒުވާނޭކަމުގެ އިންޒާރު ވަނީ ދީފައެވެ. އީރާނުގެ މިއިންޒާރުން ޔަގީންވަނީ ޓްރަމްޕުގެ އިންޒާރާ އެއްގޮތަށް ކަންކަން ކޮށްފިނަމަ މުޅި ގަލްފު އަނދިރިކަމުގެ ތެރެއަށް ގެނބިގެންދާނޭ ކަމެވެ. ދުބާއީއާއި ދޯހާވެސް ހިމެނޭގޮތުންނެވެ.
އިމާދު ލަތީފު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ