ބިންވެރިޔާ ސްކީމުގެ ހާއްސަ ކެޓެގަރީއަށް ކުރިމަތިލުމަށް އަންނަ މަހު ހުޅުވާލުމަށް ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކެޓަގަރީއަށް ކުރިމަތިލުމަށް ހުޅުވާލާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ 11:00 ޖަހާއިރު ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި އަންނަ މަހުގެ 30 ގެ 23:59 ގެ ނިޔަލަށް ފުރުސަތު ހުޅުވާލެވިފައި އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއީ ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމަށް ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު އެންމެން އެ ގޯތި ދޫކޮށްލަން އެއްބަސްވާ ނަމަ، އެ މީހުންނަށް ވަކިވަކިން ގޯތި ދޫކުރުމަށް ހާއްސަކޮށްގެން ތައާރަފުކުރި ކެޓަގަރީއެކެވެ.

އެއާ ބެހޭ އުސޫލުގައިވާ ގޮތުން ބިންވެރިޔާގެ ކުރީގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުންނަށް ވެސް އާ ސްކީމުގެ ދަށުން ގޯއްޗަށް ކުރިމަތިލެވޭނެއެވެ.

ހާއްސަ ކެޓެގަރީއެއްގެ ގޮތުގައި އެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭ ގޮތަށް މިނިސްޓްރީން ހުޅުވާލާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މާލޭގެ އަވަށްތަކުގެ ރައްޔިތުންނާއެކު އެ މަނިކުފާނު ބޭއްވެވި ބައްދަލުވުންތަކުގައި ހުށަހެޅި ބައެއް ކަންބޮޑުވުންތަކާ ގުޅިގެންނެވެ.