ރާއްޖެއަށް ފައިދާވާގޮތަށް، އިޒްރޭލު ފިޔަވައި ހުރިހާ ގައުމަކާ ގުޅުން ދިވެހި ސަރުކާރުން ބާއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިޒްރޭލު ނޫން ކޮންމެ ގައުމެއްގެ ވެރިޔަކު ރާއްޖެ ވަޑައިގަތަސް މަރުހަބާ ވިދާޅުވާނެކަމަށާއި އެ ނޫން ހުރިހާ ގައުމަކާ ރާއްޖެއިން ގުޅުން ބާއްވާނެ ކަމަށެވެ.

"އިޒްރޭލަކީ މި ސަރުކާރުން އަދި ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިގަންނާނެ ގައުމެއް ނޫން. ފަލަސްތީނުގެ މުސްލިމުންނަށް އިޒްރޭލުން ދިން އަނިޔާތަކަކީ ދިވެހި ރައްޔިތުން މާފުކުރާނެ ކަންކަމެއް ނޫން" ރައީސް ވިދާޅުވިއެވެ.

އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސާޖިއޯ ގޯ ވަނީ މީގެ ދެ ދުވަސް ކުރިން ރާއްޖެ ވަޑައިގެންފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި އެ މަނިކުފާނާ ބައްދަލުކުރައްވަން ވަނީ އެދިވަޑައިގެންފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެއްވެސް ތަނެއްގައި ކުރާ ހަނގުރާމައެެއްގެ ބޭނުމަކަށް ރާއްޖޭގެ އެއްގަމާއި ވައިގެ ސަރަހައްދު ވެސް ބޭނުންކުރުމުގެ ހުއްދަ އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށެެވެ.

"އީރާނުން ހަމަލާދެންޏާ ދޭން ޖެހޭނީ ސީދާ އިޒުރޭލަށް،. އިޒުރޭލަށް ހަމަލާދޭން ވީ ރެއާއިދުވާލު. އަޅުގަނޑުމެން ވަރަށް ބޭނުން އެކަން އެގޮތަށް ދާން. މުސްލިމު އަރަބި ގައުމުތަކަށް ހަމަލާ ދިނީމަ ހަމަ މުސްލިމުން މަރުވާނީ ވެސް، ތަންތަން ހަލާކުވާނީ ވެސް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އީރާނުން އިޒްރޭލާއި އެމެރިކާގެ ބޭސްތަކަށް މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް ހަމަލާ ދިނުމަކީ އެކަން ކުރިއަށްދާން ޖެހޭނެ ގޮތް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.