އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އެއްވެސް ސަރަހައްދެއް މިލިޓަރީ އެއްވެސް ބޭނުމަކަށް ނުލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި ރައީސް ވިދާޅުވީ، އެއްވެސް ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލެވޭ ގޮތަށް ހަމަލާތައް ދެވިގެން ނުވާނެ ކަމަށާއި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށެވެެ.

ރައީސް ވިދާޅުވީ، ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ ކަމަށެވެ. އެއީ މިލިޓަރީ، ޑިޕޮލޮމެޓިކަލީވިޔަސް އަދި އިންތިޒާމީ ގޮތުން ވިޔަސް ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުރާމައެއް އަދި އެއްވެސް ހަނގުރާމައެއް ކުރާކަށެެއް. އެކަމެއް ނުވާނެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް މިލިޓަރީ އެއްވެސް ބޭނުމެއް ކުރާކަށެއް ރާއްޖެއިން އުދުހިގެންދާކަށެއް އަދި ޖައްސާކަށެއް އަޅުގަނޑުމެން ނުދޭނަން އެ ފުރުސަތެއް." ރައީސް ވިދާޅުވިއެވެ.

"ރާއްޖެއިން އެއްވެސް ވަރަކަށް ފުރުސަތެއް ނުދޭނަން އިސްލާމީ ގައުމަކާ ދެކޮޅަށް ދޭ ހަމަލާއަކަށް ޖާގަ ދޭކަށެއް. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިޒްރޭލަކީ މި ސަރުކާރުން އަދި ދިވެހީން އެއްވެސް ވަރަކަށް ބަލައިގަންނަ ގައުމެއް ނޫން ކަމަށާއި އެ ގައުމު ފިޔަވައި އެހެން ގައުމުތަކާއެކު ގުޅުން ބަދަހިކުރެވޭނެ ކަމަށެވެ.