އޮމާނުގެ އިތުރުން ސިންގަޕޫރުންވެސް ރާއްޖެއަށް ތެޔޮ އެތެރެކުރަން ފަށައިފައިވާ ކަމަށާއި، އަންނަ މަހުގެ ކުރީކޮޅު އެ ތެޔޮ ޝިޕްމެންޓް ރާއްޖެއަށް އަންނާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ރާއްޖެއަށް އެކަށީގެންވާ ވަރުގެ ތެޔޮ ރިޒާވެއް މިހާރުވެސް އެބަހުރި ކަމަށެވެ. ކުރިއަށްއޮތް ތަނުގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އޭޕްރީލް ފެށޭ އިރު އަންނާނެ ސިންގަޕޫރުކޮޅުން ބަރުކޮށްގެން އަންނަ ވެސަލްއެއް. ޑީސަލާއި ޕެޓްރޯލް ވެސް ހުންނާނެ. އަދި ގާތްގަނޑަކަށް 4 ނުވަތަ 5 ގައި އޮމާންގެ ސޮހާރުން އަނެއްކާ ވެސް ބަރުކޮށްގެން އަންނަ ތެޔޮ އެބަ އާދޭ،" ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ބައެއް ސިނާއަތްތަކަށް ގެއްލުންވެ އެކަމުގެ ތަކުލީފު ރައްޔިތުން އުފުލަން ޖެހިދާނެތީ، އެ ސިނާއަތްތަކަށް ސަބްސިޑައިޒް ރޭޓެއްގައި ތެޔޮ ވިއްކަމުންދާ ކަމަށެވެ. އޭގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތްވެސް ހިމެނޭކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި މާލޭގެ ޕެޓްރޯލް ޝެޑުތަކުންވެސް ތެލުގެ އަގުބޮޑުނުކޮށް ވިއްކަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.
މިނިސްޓަރު ވިދާޅުވީ، ތެލުގެ ވިޔަފާރިއަކީ އެސްޓީއޯގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންވެސް ކުރާ ވިޔަފާރިއެއް ކަމަށެވެ. އެހެންކަމުން އެކަމަށް އަޅާ ފިޔަވަޅެއްގެ ސަބަބުން އެ ވިޔަފާރިތަކަށްވެސް ގެއްލުމެއްވިޔަ ނުދީ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މުހައްމަދު އިޝާން
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު