އަންނަ މަހު ގިރާވަރުފަޅު ހިއްކައި ނިމޭނެ ކަމަށާއި ޖޫން މަހު ގޯތިތައް ހަވާލުކުރަން ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ މިއަހަރުގެ ޖެނުއަރީ 30 ގައެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށްދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސާވޭކޮށް ނިންމައި ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ދަށުން ގިރާވަރުފަޅުން 2،000 ގޯތި، މާލޭ ރައްޔިތުންނަށް ދޫކުރަން ނިންމިއެވެ. ނަމަވެސް އެތަނުން 2،000 ގޯތި ނުނެގޭތީ، ބާކީ ގޯތި ގުޅިފަޅުން ދޭން ސަރުކާރުން ނިންމައި، ގޯތި ބަދަލުކުރުމަށް މި ސަރުކާރުން ހުޅުވާލިއެވެ.

ސަރުކާރުން ހުޅުވާލި އެ ފުރުސަތުގައި ގުޅިފަޅަށް ގޯތި ބަދަލުކޮށްދިނުމަށް 2،210 މީހަކު ވަނީ އެދިފައެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) ކުންފުނިންނެވެ.

ސަރުކާރުން ބުނެފައިވާގޮތުގައި ގިރާވަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 160 ހެކްޓަރުގެ ބިމެވެ. އޭގެ ތެރެއިން 54 ހެކްޓަރުގެ ބިން ހިއްކުމަށްފަހު، އެތަން ހިއްކުމުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ އިރު، ހައުސިން މިނިސްޓްރީން ވަނީ މިދިޔަ ޖެނުއަރީ މަހު ގިރާވަރުފަޅުގެ ލޭންޑް ޔޫޒް ޕްލޭން އާންމުކޮށްފައެވެ.