ޕާކިސްތާނާއި އަފްގާނިސްތާނުން އީދަށް ހަނގުރާމަ މަޑުޖައްސާލަން ނިންމައިފިއެވެ.

މިދިޔަ މަހުން ފެށިގެން ޕާކިސްތާނާއި އަފްގާނިސްތާނާ ދެމެދު ހަމަލާ ބަދަލުކުރުން އިތުރުވެ އެންމެ ފަހުން ދެގައުމުން ހަނގުރާމަ އިއުލާންކޮށްފައިވާއިރު ހަނގުރާމައިގެ ސަބަބުން ދެގައުމަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ޕާކިސްތާނާއި އަފްގާނިސްތާނު ކުރަމުން އަންނަ ހަނގުރާމަ އީދަށް މަޑުޖައްސާލަން ދެގައުމުން ނިންމާފައިވާކަން އިއްޔެ ދެގައުމުން ވެސް ވަނީ އިއުލާން ކޮށްފައެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތައުﷲ ތަރާރް ވަނީ ބުދަ ދުވަހުގެ ދަންވަރުން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ދަންވަރާ ހަމައަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ވެފައިވާކަމަށް ފާހަގަކުރައްވާފައެވެ.

އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުގެ ތަރުޖަމާނުވެސް ވަނީ އެގައުމުން ވެސް އެކަމަށް އެއްބަސްވެ ހަނގުރާމަ މަޑުޖައްސާލަން އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ޕާކިސްތާނާއި އަފްގާނިސްތާނުގެ ހަނގުރާމަ މަޑުޖައްސާލުމަށް ނިންމާފައިވާއިރު އެހުށަހެޅުން ހުށަހަޅާފައިވަނީ ސައުދީ އަރަބިއްޔާއާއި ގަތަރުގެ އިތުރުން ތުރުކީއިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކުޑަ ދުވަސްކޮޅަކަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާއިރު އަފްގާނިސްތާނުގެ ވެރިރަށް ކާބުލް އަށް އަންގާރަ ދުވަހު ޕާކިސްތާނުން ހަމަލާދީ 100 އަށްވުރެން ގިނަ މީހުން މަރާލާފައިވާ ކަމަށް އަފްގާނިސްތާނުގެ ބުނެއެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެއީ އެގައުމުން ދިން ހަމަލާއެއް ނޫންކަމަށް ބުނެފައެވެ.