މާލޭގައި ގޮވާމުން ފިތުރު ޒަކާތް ބަހަންފަށައިފި އެވެ.

މާލޭގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވަނީ މިމަހުގެ 14 ގައެވެ.

ޒަކާތު ހައުސްއިން އިއްޔެ ނެރުނު އިއުލާނުގައި ބުނީ މާލޭގައި ގޮވާމުން ފިތުރު ޒަކާތް ބަހާނީ މާލޭގައި ހުންނަ ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަނުންނެވެ.

ގޮވާމުން ފިތުރު ޒަކާތް ބަހާގަޑިތަކަކީ މިއަދާއި މާދަމާގެ ހެނދުނު 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށެވެ.

މި ތަކެތި ބެހުމަށް ހަމަޖެހިފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މާލެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށެވެ.

ފިތުރު ޒަކާތުގެގޮތުގައި ދައްކާނީ އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.

މި ރަމަޟާން މަހު ގޮވާމުން ފިތުރު ޒަކާތުގެ ގޮތުގައި ދެއްކޭނެ ތަކެތި އަދި ފައިސާއިން ނަމަ ދައްކަން ޖެހޭ އަދަދު:

  • އާދައިގެ ހަނޑޫ: 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
  • ރަތް ހަނޑޫ: 96 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
  • އާދައިގެ ފުށް: 10 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރަމަޟާން މަހުގެ ފުރަތަމަ 15ގައި ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ 3 ރޯދަމަހާ އަޅައި ބަލާއިރު، އެންމެ ގިނަ އަދަދަކަށް ފުރަތަމަ 15ގައި ޒަކާތް ލިބުނު އަހަރެވެ.