ލޯކަލް މާރުކޭޓު ހުރި ބިމުގައި އާ މާރުކޭޓެއް ހަދަން 127 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރެސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލެވެ. ޓްރަސްޓެންގް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލް ހާދީއެވެ.

ލޯކަލް މާރުކޭޓު ހުރި ބިމުގައި ހެދުމަށް ހަމަޖެހިފައިވާ އާ މާރުކޭޓް، އާ އިމާރާތަށް ދީފައިވާ ނަމަކީ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" ---- ފޮޓޯ: ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ

މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ލޯކަލް މާރުކޭޓު ހުރިތަނުގައި އަލަށް ހަދާ މާރުކޭޓަށް ކިޔާނީ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" ކަމަށެވެ. އެ މަޝްރޫއުގެ މަސައްކަތް ޓްރަސްޓެންގްއާ ހަވާލުކޮށްފައިވަނީ ހަމަސް ދުވަހުން ނިންމާ ގޮތަށް 126,359,594.94 ރުފިޔާއަށްކަމަށް މިނިސްޓްރީން ބުންޏެވެ.

ލޯކަލް މާރުކޭޓު ހުރި ބިމުގައި ހެދުމަށް ހަމަޖެހިފައިވާ އާ މާރުކޭޓް، އާ އިމާރާތަށް ދީފައިވާ ނަމަކީ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" ---- ފޮޓޯ: ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ

"މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" ހެދުމަށް ހަމަޖެހިފައިވަނީ ހަ ފަންގިފިލާއަށްކަމަށް މިނިސްޓްރީން ބުންޏެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހުންނައިރު، ގްރައުންޑް ފުލޯގައި ހުންނާނީ މަސްމާރުކޭޓުކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ފުރަތަމަ ތިން ފްލޯގައި ތަރުކާރީ މާރުކޭޓަށް ހާއްސަ ކުރާއިރު، ހަތަރު ވަނަ ފުލޯގައި ހިންގާނީ ފުޑް ކޯޓެއްކަމަށް މިނިސްޓްރީން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާން ސްކޫލުގެ ހޯލުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ޖަލްސާގައި ވިދާޅުވެފައިވަނީ އާ މާރުކޭޓުގެ މަސައްކަތް ކުރަނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގަ ދަށުން ކަމަށެވެ.

ލޯކަލް މާރުކޭޓު ހުރި ބިމުގައި ހެދުމަށް ހަމަޖެހިފައިވާ އާ މާރުކޭޓް، އާ އިމާރާތަށް ދީފައިވާ ނަމަކީ "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" ---- ފޮޓޯ: ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ރައީސް ވިދާޅުވެފައިވަނީ އެ މަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ފެށި އާ މަސްމާރުކޭޓެއް ހެދުމުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި އޮތީ ހުއްޓިފައި ކަމަށެވެ.

މަސްމާރުކޭޓު މިހާރު ހުރި ތަނުގައި މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ ކުންފުނިތަކާއި، ޖަމިއްޔާތަކަށް ބޭނުންވާ އޮފީސް ޖާގަ ދެވޭނެ ގޮތަށް އާ އިމާރާތެއް ހެދުމަށްވެސް އަންނަނީ ވިސްނަމުންކަމަށް ރައީސް ވިދާޅުވެފައިވެއެވެ.