މާލޭގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތު ހައުސްއިން ރޭ ބުނީ މާލޭ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނާނީ މާލެގައި ހުންނަ ސެންޓާ ފޯ ސެކަންޑަރީ އެޑިޔުކޭޝަންގައެވެ.

މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުން ފެށިގެން މިމަހުގެ 15، 16 އާއި 18 ވަނަ ދުވަހު ވެސް ގޮވާމުން ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

މިމަހުގެ 14 އަދި 15، 16 އަދި 18 ގައިވެސް ހެނދުނު 10:00 އިން 12:00 އަށް ޒަކާތް ދެއްކޭނެއެވެ. 16 އަދި 18 މި ދެ ދުވަހު 13:00 އިން 15:00 އަށްވެސް ގޮވާމުން ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.

ފިތުރު ޒަކާތުގެގޮތުގައި ދައްކާނީ އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.

މުދަލު ޒަކާތް ބަހަން ފެށުން --- ވަން ފޮޓޯ/ ހަމްދާން އަހުމަދް

މި ރަމަޟާން މަހު ގޮވާމުން ފިތުރު ޒަކާތުގެ ގޮތުގައި ދެއްކޭނެ ތަކެތި އަދި ފައިސާއިން ނަމަ ދައްކަން ޖެހޭ އަދަދު:

  • އާދައިގެ ހަނޑޫ: 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
  • ރަތް ހަނޑޫ: 96 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
  • އާދައިގެ ފުށް: 10 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ރަފާސްހިސާބުތައް ދައްކާގޮތުން ރަމަޟާން މަހުގެ ފުރަތަމަ 15ގައި ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ 3 ރޯދަމަހާ އަޅައި ބަލާއިރު، އެންމެ ގިނަ އަދަދަކަށް ފުރަތަމަ 15ގައި ޒަކާތް ލިބުނު އަހަރެވެ.