މޫސުމީ ބަދަލުތަކުން ރައްކާތެރިކަން އިތުރުކުރުމަށާއި، ކޮންސެޝަނަލް ފައިނޭންސިން ހޯދުމަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ދަރަނީގެ މައްސަލަތަކަށް ހައްލުކުރުމަށް ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރަން ޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ސުލްހަމަސަލަސްކަން ދެމެހެއްޓުމާއި، ހެޔޮވެރިކަން ކުރިއެރުވުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބާރު ދައްކުވައިދޭ ދިރިހުރި މިސާލެއްގެ ގޮތުގައި ކޮމަންވެލްތު އަބަދުވެސް ދެމިއޮންނަ ކަމަށެވެ.
މިއަހަރުގެ ޝިއާރު ކަމުގައިވާ "ފާގަތި ކޮމަންވެލްތަކަށްޓަކައި، އެންމެން ގުޅިގެން ފުރުސަތުތަކުގެ ބޭނުންހިފުން" މި ޝިއާރަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި އެ ޝިއާރު ރަމްޒުކޮށްދެނީ، ކޮމަންވެލްތަކީ އޭގެ މަގުސަދުތައް ހާސިލުކުރެވޭ ފަދަ އެއްބައިވަންތަކަމާއި ބައިވެރިވުން ވަރުގަދަ ޖަމާއަތެއްގެ ގޮތުގައި ދެމިއޮތުމުގެ ރޫހު ކަމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މިއަހަރުގެ ޝިއާރު ބިނާވެފައިވަނީ ރާއްޖެއިން ގައުމީ ފެންވަރުގައި އިސްކަންދޭ މުހިންމު ދާއިރާތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން މޫސުމީ ބަދަލުތަކަށް އަހުލުވެރިވެ ވިލުންތެރި ގާބިލުކަން އިތުރުކުރުމާއި، ތައުލީމީ ދާއިރާގައި ދަރިވަރުންނާއި މުދައްރިސުންގެ ހަރަކާތްތެރިކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޑިޖިޓަލްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމަކަށް ވީތީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި، ބޭރުގެ އިގުތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމަންވެލްތަށް 77 އަހަރު ފުރުމުގެ މުނާސަބަތަށް އަލިއަޅުއްވާލައްވަމުން، ރައީސް ވަނީ އެ ޖަމިއްޔާގެ ތެރެއިން އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ތަކުރާރުކުރައްވައިފައެވެ. އެއީ ގައުމެއްގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، ހުރިހާ ގައުމަކަށްވެސް ފާގަތިކަމާއި ކުރިއެރުން ހޯދައިދިނުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަކީ، ގައުމުތަކުގެ މެދުގައި އޮތް ގުޅުންތަކާއި، ވެފައިވާ އެއްބަސްވުންތައް ތާޒާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު