ރޯދަ މަހުގެ ފުރަތަމަ 15ގައި ފިތުރު ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.
ޒަކާތު ހައުސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ 2023 އިން ފެށިގެން ރޯދައިގެ ފުރަތަމަ 15ގައި ފިތުރު ޒަކާތް އެންމެ ގިނައިން ލިބުނު އަހަރެެވެ.
ޒަކާތު ހައުސިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މި ރޯދަަމަހުގެ 15ގައި ފިތުރު ޒަކާތުގެ ގޮތުގައި 5482،171 ރުފިޔާ ލިބިފައިވެއެވެ.
ވޭތުވެދިޔަ ހަތަރު އަހަރު ރަމަޟާންމަހުގެ ފުރަތަމަ 15ގައި ފިތުރުޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު:
- 2023 – 2794،579 ރުފިޔާ
- 2024 – 2626،587 ރުފިޔާ
- 2025 – 4460،199 ރުފިޔާ
- 2026 - 5482،171 ރުފިޔާ
މިއަހަރު ރަމަޟާންމަހުގެ ފުރަތަމަ ހަފުތާގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނީ 1.3 މިލިޔަން ރުފިޔާއެވެ. ފިތުރު ޒަކާތް ބަލައިގަންނަން ފެށީ މި ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށްވާ މިދިޔަ މަހުގެ 18 ގައެވެ
އިސްލާމީ މަރުކަޒުން ޒަކާތް ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 10:00 އިން މެންދުރުފަހު 1:00 އާ ހަމައަށެވެ. މިމަހުގެ 10 ގެ ފަހުން ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގައި ވެސް ޒަކާތް ބަލައިގަންނާނެއެވެ.
އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް، ނަގުދު ފައިސާ އާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފެށީ މިދިޔަ މަހުގެ 22 ގައެވެ.
އެ ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ވަގުތުތަކަކީ މިމަހުގެ 9 ވަނަ ދުވަހުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް އަދި މިމަހުގެ 10 ވަނަ ދުވަހުން މިމަހުގެ 19 އަށް، ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށެވެ.
މި ފަހަރު އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ހަތް ޕްލެޓްފޯމް:
- ދިރާގު މޯބައިލް އެޕް.ދިރާގު ޕޭ ވެބްސައިޓް.
- އުރީދޫ، އެމް ފައިސާ މޯބައިލް އެޕް.
- މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް.
- ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް.
- ފަހިޕޭ މޯބައިލް އެޕް.
- އަވަސް މޯބައިލް އެޕް.
- ބަނޑޭރި ޕޭ ވެބްސައިޓް
މީގެ ތެރެއިން ބަނޑޭރިޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކުން ފިތުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ލޯކަލް ކައުންސިލު އިދާރާއަށް ގޮސްގެންނެވެ. ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލުތަކުން ބޭނުން ކުރާނީ އެ ކަމަށްޓަކައި ހާއްސަކޮށްގެން ތައްޔާރު ކޮށްފައިވާ ފިތުރު ޕޯޓަލެވެ.
ފިތުރު ޕޯޓަލް މެދުވެރިކޮށް، އާންމު ފަރުދުން ކައުންސިލު އިދާރާތަކަށް ނުވަތަ އިސްލާމީ މަރުކަޒަށް ގޮސްގެން ނަގުދު ފައިސާއިން ޒަކާތް ދެއްކުމުން، ހުއްދަ ދެވިފައިވާ މުވައްޒަފުން އެ މުއާމަލާތް ވަގުތުން ޕޯޓަލުގައި ރެކޯޑު ކުރާނެއެވެ. ފައިސާ ދައްކައި ނިމުމުން، ފިތުރު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު ކަށަވަރުކޮށްދޭ އެސްއެމްއެސްއެއް ވަގުތުން އެ ފަރާތަކަށް ލިބޭނެ ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
އޭގެ އިތުރުން، ސަދަގާތުގެ ގޮތުގައި އިތުރު ފައިސާއެއް ދައްކާފައިވާ ނަމަ، އެ އަދަދު ވެސް އެ މެސެޖުގައި ހިމެނޭނެއެވެ.
މި ރަމަޟާން މަހު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތައް:
- އާދައިގެ ހަނޑޫ: 12 ރުފިޔާ
- ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
- ރަތް ހަނޑޫ: 96 ރުފިޔާ
- ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
- ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
- އާދައިގެ ފުށް: 10 ރުފިޔާއާޓާ ފުށް: 75 ރުފިޔާ
ފާތިމަތު ލިއުޝާ
ޒަކާތް
ޒަކާތް
ޒަކާތް