ކޮޗިންގެ ރެސްކިއު ޓީމުތައް ގުޅިގެން ބުޅަލެއް ސަލާމަތްކޮށްފިއެެވެ.

އިންޑިއާގެ ކެރެލާގެ ކޮޗިންގައި މެޓްރޯ ރޭލު ދަތުރުކުރާ ރޭލު ދަގަނޑު ހުންނަ ބައިގެ މަތިން އެބުޅާ ސަލާމަތްކޮށްފައިވަނީ ކޮޗިންގެ އަލިފާން ނިއްވާ ޓީމުގެ އިތުރުން ވޮލެންޓިއަރުން ހިމެނޭ ބޮޑު ޓީމަކުން ކުރި މަސައްކަތުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮފިޝަލުން ވަނީ ''ސުބާޝް'' ނަމަކަށް ނަންދީފައިވާ އެބުޅާ އެތަނުގައި ތާށިވެފައި އޮންނަތާ ދެހަފުތާ ވެފައިވާ ކަމަށާއި ބުޅާ ސަލާމަތްކުރުމަށް އެކިފަހަރު ކުރި މަސައްކަތް ނާކާމިޔާބު ވެ އެންމެފަހުން ކަމާ ބެހޭ އިދާރާތަކުން އެމަސައްކަތުގައި ބައިވެރިވެފައިވާކަމަށް ބުނެފައެވެ.

އެތަށް ގަޑިއިރެއްގެ މަސައްކަތުން އެބުޅާ ސަލާމަތްކުރުމަށް ކުރިޔަށް ގެންދިޔަ އެއޮޕަރޭޝަންގައި ކޮޗިންގެ މެޓްރޯގެ އިތުރުން އެސަރަހައްދުގެ ޓްރެފިކްވެސް ވަނީ ހުއްޓުވައިފައެވެ.

ކެރޭނާއި ލިފްޓު ބޭނުންކޮށް ރެސްކިއު ޓީމުތަކުން އެމަސައްކަތް ކުރިއިރު އާންމުންގެ ގިނަބަޔަކު ވަނީ އެސަރަހައްދަށް އެއްވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެޓްރޯ ދަގަނޑު ސަރަހައްދުގައި ތާށިވި ބުޅާ ސަލާމަތްކުރުމަށްފަހު ހާންސަ އެމްބިއުލާންސެއްގައި ޖަނަވާރާ ބެހޭ ހޮސްޕިޓަލަކަށް ގެންގޮސް ސިއްހީ ބެލުންތައްވެސް ބަލާފައިވާކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވެއެވެ.