ބިންވެރިޔާ ސްކީމްގެ ދަށުން ފްލެޓާއި ގޯތި ދޭނެ ކަމަށް ބުނެ ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އިލްތިމާސްކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތައް ލިބޭނެ ކަމަށް ބުނެ، އެކި ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ނަގަމުން ގެންދާކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

ކޮންސްޓްރަކްޝަން މިިނިސްޓްރީން ހިންގާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައި ވެސް ގޯއްޗާއި ފްލެޓް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރުކޮށް އާންމުކޮށްފައިވާ އުސޫލުތަކާއި އިޖުރާއަތުތަކުގެ އިތުރުން، މި މިނިސްޓްރީން އާންމުކުރަމުންގެންދާ އިއުލާނުތަކުގައިވާ ގޮތުގެ މަތިން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"މިގޮތަށް ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ އުސޫލުތަކާއި ނުވަތަ މި މިނިސްޓްރީން އާންުމުކޮށްފައިވާ އިއުލާނަކާ ހިލާފަށް އެއްވެސް ފަރާތަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން ގޯއްޗާއި ފްލެޓް ލިބުމުގެ ފުރުސަތު ނޯންނާނެ،" ބަޔާނުގައި ވެއެވެ.

އެކިފަރާތްތަކުން ހިންގާ އެފަދަ އޮޅުވާލުންތަކާއި ސްކޭމްތަކަށް އާންމު ރައްޔިތުން ސަމާލުވުމަށް މިނިސްޓްރީން އެދިފައިވެއެވެ. އަދި ސަރުކާރުން ހިންގާ ޕްރޮގްރާމެއްގެ ދަށުން ދޫކުރާ ގޯތި ނުވަތަ ފުލެޓު ހޯދުމުގެ އެއްވެސް ފަރާތަކާ ފައިސާގެ ނުވަތަ އިއުލާނެއްގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ބޭރުން ގޯއްޗާއި ފްލެޓް ހޯދުމަށް އެއްވެސް ފަރާތަކުން އެއްވެސް މުއާމަލާތެއް ކޮށްފިނަމަ ނުވަތަ އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ހޮޓްލައިން ނަންބަރު 125 އަށް ގުޅާ އެކަން ރިޕޯޓް ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އެދިފައެވެ.

ސަރުކާރުން މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ފެށި މި މަޝްރޫއުގެ ދަށުން ޖުމްލަ 7،900 ފްލެޓާއި 15،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ފްލެޓްތަކުގެ ތެރެއިން 4،000 ފްލެޓް މާލޭގެ ރަށްވެހިންނަށް ހާއްސަކޮށްފައިވާ އިރު، މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައިނުވާ މީހުންނަށް 1،500 ފްލެޓް އަދި ހާއްސަ ކެޓަގަރީތަކަށް 2،400 ފްލެޓް ކަނޑައަޅާފައިވެއެވެ.