މާލޭގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ވައްކަމާއި ފޭރުމާއި އެކި ގޮތްގޮތުން ގެއްލުނު ފައިސާގެ ތެރެއިން، ވޭތުވެދިޔަ ދެ ދުވަސް ތެރޭގައި 215،230.60 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެދިއެވެ.

މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގައި ހެންވޭރު، ގަލޮޅު އަދި މާފަންނު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ފާއިތުވި 48 ގަޑިއިރު ކޮށްފައިވާ މަސައްކަތުގެ ތަފާސް ހިސާބު މިއަދު ވަނީ އާއްމުކޮށްފައެވެ.

އެ ހިސާބުތަކުން ދައްކާގޮތުގައި، ގަލޮޅު ފުލުހުން 176،872.6 ރުފިޔާ ހޯދާފައިވާ އިރު، ހެންވޭރު ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގެއްލުނު 224،000 ރުފިޔާގެ ތެރެއިން 15،000 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. މާފަންނު ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ގެއްލުނު 41،400 ރުފިޔާގެ ތެރެއިން މުޅި ޖުމުލަ 23،358 ރުފިޔާ ވަނީ އަނބުރާ ހޯދައިފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ގަލޮޅު ޕޮލިސް ސްޓޭޝަނުން، މާލޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން 148 މީހެއް ހުއްޓުވައި ސުވާލުކޮށްފައިވާކަމަށާއި، 23 ކޯލްއަކަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި އަމިއްލައަށް އިސްނަގައިގެން ތިން ހާދިސާއަކަށް ހަރަކާތްތެރިވެފައިވާ ކަމާއި، 35 ހާދިސާއެއް ރިކޯޑުކޮށްފައިވެއެވެ. އަދި ޓްރެފިކް ފުލުހުން 21 މައްސަލަ އާއި 682 ސަރަހައްދެއް ބަލައި ފާސްކޮށްފައިވެއެވެ.

ހެންވޭރު ޕޮލިސް ސްޓޭޝަނުން، ކުރި މަސައްކަތުގެ ތެރެއިން 195 މީހެއް ހުއްޓުވައި ސުވާލުކޮށް، 19 ކޯލަކަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދިނެވެ. އަމިއްލައަށް އިސްނަގައިގެން ފަސް ހާދިސާއަކަށް ހަރަކާތްތެރިވެ، 28 ހާދިސާއެއް ރިކޯޑުކޮށްފައިވެއެވެ. ޓްރެފިކް ފުލުހުން 102 މައްސަލައަކާއި، 447 ސަރަހައްދެއް ބަލައި ފާސްކޮށްފައިވެއެވެ.

މާފަންނު ޕޮލިސް ސްޓޭޝަނުގެ މަސައްކަތުގެ ތެރެއިން 233 މީހެއް ހުއްޓުވައި ސުވާލުކޮށްފައިވާކަމަށާއި، 23 ކޯލަކަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދީފަައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި 33 ހާދިސާއެއް ރިކޯޑުކޮށްފައިވެއެވެ. މީގެއިތުރުން 578 ސަރަހައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، އޭގެ އިތުރުން އާއްމުކޮށް މައްސަލަތައް ހުށައެޅޭ 85 ސަރަހައްދެއް ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.