ރާއްޖެއަށް ދަތިކަމެއް ނެތި ތެލާއި ކާބޯތަކެތި ލިބޭނެކަން ކަށަވަރުކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށައިފިއެވެ.

އިރާނުގެ ވެރިކަން ވައްޓާލައި ރައްކާތެރިކަމަށްޓަކައި ކަމަށްބުނެ، އިޒްރޭލާ ގުޅިގެން އެމެރިކާއިން މިއަދު ވަނީ އިރާނަށް ހަމަލާދޭން ފަށައިފައެވެ. އެ ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް އިރާނުންވެސް ވަނީ ހަމަލާތައް ދޭން ފަށައިފައެވެ.

އެ ހަނގުރާމައާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވަޒީރުންގެ ހާއްސަ ކޮމިޓީއެއް ވެސް އިއްޔެ އުފައްދަވައިފައެވެ.

ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތަށް އަތުވެދާނެ ބަދަލުތައް މާލީ ކަންކަމާއި އިކޮނޮމިކް މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން، މި ހާލަތުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ހިރާސްތަކަށް ތައްޔާރުވުމަށާއި އަވަސް ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ފިނޭންސުން ބުންޏެވެ.

"ދިވެހިރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާން މެދުވެރިކޮށް ކަމަށްވުމާއެކު، ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އާ ގުޅިގެން މި މިނިސްޓްރީން ދާނީ ފިޔަވަޅުތަކެއް އަޅަމުންނެވެ..،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސުން ބުނީ ރާއްޖޭގެ އިގުތިސާދު ބިނާވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މައްޗަށް ކަމަށްވުމާއެކު، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރަށާއި، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ކޮށްފާނެ އަސަރުތައް އެ މިނިސްޓްރީން ވަރަށް ބޮޑަށް ދިރާސާކުރަމުންދާ ކަމަށެވެ. އަދި އެ ދިރާސާތަކުގެ އަލީގައި، ރާއްޖޭގެ މެކްރޯ-އިކޮނޮމިކް ހަމަޖެހުން ދެމެހެއްޓުމަށާއި، އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ހާލަތާ އެކަށީގެންވާ ގޮތެއްގައި ގެނައުމަށް ރޭވިފައިވާ ކަމަށެވެ.

"މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު، ރާއްޖޭގެ ރިޒާވް މިވަގުތު ހިފެހެއްޓިފައި ހުރީ މީގެ ކުރީން ރިޒާވް މަތިނުވާ މިންވަރެއްގައި ކަމުން، ބޭރު ދުނިޔެއިން ކުރިމަތިވާ އިގުތިސާދީ ލޮޅުންތަކުން އަރައިގަތުމަށާއި، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށާއި، އިގުތިސާދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ސަރުކާރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ..،" ފިނޭންސުން ބުންޏެވެ.

ފިނޭންސުން އިތުރަށް ބުނީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމަށާއި، ގައުމުގެ އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމަކީ އެ މިނިސްޓްރީން އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށާއި އަދި މި ދަނޑިވަޅުގައި ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ހިފަހައްޓައި، އިގުތިސާދީ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓުތަކާއި ރޫޓްތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، އެކަންކަމުން އަރައިގަތުމަށްޓަކައި ބޭނުންވާނެ އެހެނިހެން އަލްޓަނޭޓިވް މާކެޓުތައް ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

"މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި އެންމެހައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. މިގޮތުން، ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، އިމްޕޯޓްކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަމެވެ..،" އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ ރާއްޖޭގެ އިގުތިސާދީ ހަމަޖެހުން އިސްކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.

ހަނގުރާމައާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް އުފެއްދެވި ހާއްސަ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ނުވަ ވަޒީރުންނެވެ. އެއީ؛

  • ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް (ކޮމިޓީގެ ޗެއާ)
  • ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން
  • ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
  • ހޯމް މިނިސްޓަރު އަލީ އިހްސާން
  • ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު