ހުޅުމާލެ ފޭސް ތިނެއްގައި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް (ޕީޕީޕީ) އުސޫލުން 1,000 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ފޭސް ތިނެއްގައި ޕީޕީޕީ އުސޫލުން 1,000 އެފޯޑަބަލް ހައުސިންގް ޔުނިޓް ފަރުމާކޮށް، ތަރައްގީކޮށް އަދި ހިންގުމަށް ޝަރުތު ހަމަވާ، ސައްތައަކުން ސައްތަ ދިވެހިންގެ ހިއްސާ އޮންނަ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ޖަމިއްޔާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެއީ ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ރޭވުންތެރިކަމާއެކު އާބަން ޑިވެލޮޕްމަންޓް ކުރިއަށްގެންދިއުމުގެ އިތުރުން، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫއަކީ ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް، ގައުމީ ބޯހިޔާވަހިކަމުގެ ތަސައްވުރުތައް ތަންފީޒުކުރުމުގައި އަމަލީގޮތުން ބައިވެރިވެ، އެ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ހޮވޭ ފަރާތަކުން ހިންގާ މަޝްރޫއަކީ މާލީގޮތުން ދެމެހެއްޓެނިވި، ފެންވަރު ރަނގަޅު އަދި އިޖުތިމާއީ ގުޅުން ބަދަހިވާނެ ފަދަ، ގައުމީ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާއި އާބަން ޕްލޭނިން އުސޫލުތަކާ އެއްގޮތްވާނެ މަޝްރޫއަކަށް ވާންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން، މައުލޫމާތު ކަރުދާހާއި އެއާ ގުޅޭ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި އުސޫލުތަކާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވާ ކަމަށާއި މަޝްރޫއު ހިންގުމުގައި ހަރަދު ކުޑަ އަދި ފަރުމާ ފުރިހަމަ، ތިމާވެއްޓާ ރައްޓެހި، ބިން އެންމެ އެދެވޭ ގޮތުގައި ބޭނުންކުރެވޭނެ އަދި ހައުސިން ޔުނިޓްތަކުގެ ވެރިންނަށް ދިގު މުއްދަތަކަށް އޭގެ ފައިދާ ކުރާނެ ފަދަ ޕްރޮޕޯސަލްތަކަށް އިސްކަންދޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫއާ ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ނުވަތަ ސާފުކުރަން ބޭނުންވާ ކަމެއް އޮތްނަމަ، އަންނަ މަހުގެ 8 ގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުމުން ފޮނުމަށް އެދޭ ކަމަށާއި ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން، މިނިސްޓްރީން ދޭ ޖަވާބުތައް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހުރިހާ ފަރާތްތަކާ ހިއްސާކުރެވޭނެ ކަމަށެވެ.

ފުރިހަމަކޮށްފައިވާ ޕްރޮޕޯސަލްތައް (ޓެކްނިކަލް އަދި ފައިނޭންޝަލް) އަންނަ މަހުގެ 23 ގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ.