ފުޑް ކޯޓުގައި ހުންނަ "ޓީ ޖެޓީ" ރެސްޓޯރެންޓުން ރޯދަ ވީއްލައިގެން މިފަހަރުވެސް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"ޓީ ޖެޓީ" ރެސްޓޯރެންޓުގެ ވެރިޔާ އަބްދުﷲ ވަހީދު "ވަން" އަށް މިރޭ ވިދާޅުވީ، ޓީ ޖެޓީ ރެސްޓޯރެންޓުން މި ރޯދަމަހަށް ގިނަ ވައްތަރުތަކާއެކު މެނޫއެއް ތައްޔާރުކޮށްފައިވާ ކަމަށާއި ތަފާތު ދެ މެނޫއެއް ހިމެނުނު ނަމަވެސް، ކޮންމެ ދުވަހެއްގެ މެނޫގެ އަގަކީ 150 ރުފިޔާ ކަމަށެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރޯދަމަހުވެސް ޓީ ޖެޓީ ރެސްޓޯރެންޓުން ވަނީ އެ ތަނުން ރޯދަ ވީއްލާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ރޯދަ ހަދިޔާގެ ގޮތުގައި އުމްރާ ދަތުރެއް ދޭން ނިންމައިފައެވެ. އެ އިނާމަކީ އެ ރެސްޓޯރެންޓުން ފާއިތުވި ފަސް ރޯދަމަހުވެސް ދީފައިވާ އިނާމެކެވެ.

ވަހީދު ވިދާޅުވީ ޓީ ޖެޓީ ރެސްޓޯރަންޓް ހުޅުވުމަށްފަހު ކަނޑައެޅި އެންމެ ބޮޑު އަޒުމަކީ ރެސްޓޯރަންޓުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ކޮންމެ އަހަރަކު ރޯދަ ހަދިޔާގެ ގޮތުގައި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ ރެސްޓޯރެންޓު ހުޅުވުމަށްފަހުވެސް އަމާޒަކީ ކޮންމެ އަހަރަކުވެސް ކޮންމެވެސް އެއް ކަސްޓަމަރަކު އުމްރާއަށް ފޮނުވުން. އެގޮތުން މިއަހަރުވެސް ހަމަ އެގޮތަށް ނަސީބުވެރި އެއް ފަރާތަށް ފުރުސަތު ލިބިގެންދާނެ. މިއީ އަޅުގަނޑުމެން މި ފުރުސަތު ދޭ ހަވަނަ އަހަރު،" އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ޓީ ޖެޓީ ރެސްޓޯރެންޓުން ރޯދަ ވީއްލާ ކޮންމެ ފަރާތަކަށް ވެސް ކޫޕަނެއް ލިބިގެންދާނެ ކަމަށާއި އެ ކޫޕަން ފުރުމަށްފަހު އެކަމަށް ހާއްސަކޮށްފައިވާ ފޮއްޓަށް ލުމުން ބައިވެރިވެވޭނެ ކަމަށެވެ. އަދި އޭގެ ތެރެއިން އުމްރާ ދަތުރުގެ ނަސީބުވެރިޔާ ހޮވުމަށް ގުރުނެގުމަށް ހަމަޖެހިފައިވަނީ ހަ ރޯދައަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ޓީ ޖެޓީ ރެސްޓޯރަންޓުން ހިދުމަތް ހޯދާ ފަރާތްތަކަށް ކުރިއަށްއޮތް އަހަރުތަކުގައިވެސް އެ ފުރުސަތު ހުޅުވިފައި އޮންނާނޭކަމުގެ ޔަގީންކަން އަަރުވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

ޓީ ޖެޓީ ރެސްޓޯރަންޓުން ބުކިން ހެއްދުމަށާއި އިތުރު މައުލޫމާތު 7351234 އަށް ގުޅާލުމުން ލިބޭނެއެވެ.