މި ރަމަޟާން މަހު ދީނީ ކަންކަމާއެކު ހަވާލުވެފައިވާ ޒިންމާތައް ވެސް އަދާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.

ވެރިކަން ހިންގާ ޕީއެންސީގެ އަންހެނުންގެ ގޮފިން އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި މާހެފުމުގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ރަމަޟާން މަހު ހަމައެކަނި ނަމާދުކޮށްފައި ގުރުއާން ކިޔެވީމަ، ތިމަންނަގެ ޒިންމާ އެ އަދާވީ ނޫން ކަމަށާއި ހަވާލުވެފައިވާ ޒިންމާތަކަކީ ނަމާދުކޮށް ގުރުއާން ކިޔެވުމަށްފަހު، ހަވާލުވެފައިވާ ކަންތައްތައް ވެސް ރަނގަޅަށް ކުރުން ކަމަށެވެ.

"ދީނީ މިފަދަ މައްސަރަކާ އަޅުގަނޑުމެން ކުރިމަތިލާފައި ތިބި އިރު، އަޅުގަނޑުމެންގެ ދީނީ އަގީދާ ވަރުގަދަކުރުމާއެކީގައި ދީނީ ކަންކަމަށް މަސައްކަތްކުރާ ފަދައިން އަޅުގަނޑުމެންނާ ހަވާލުވެފައިވާ ޒިންމާތައް ވެސް އަޅުގަނޑުމެން އަދާކުރަން ޖެހޭނެ،" އެކަމަނާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ޕްލޭންކުރުމަށްފަހު ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕޭންގެ މަސައްކަތްވެސް ކުރެވޭނެ ކަމަށާއި އަޅުކަމަށްފަހު އެ މަސައްކަތަށް ވެސް ވަގުތު ދެވޭނެ ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް ދުނިޔެއާއި އާހިރަތުގެ ދެބައި ހަމަހަމަކުރަންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"އޮފީހުގައި އުޅޭ ގިނަ ބޭފުޅުން ފަހު ދިހައެއް އައީމަ ދެން އޮފީހަކަށް ނާންނާނެ، ސަލާމް ބުނާނީ. ދެން އެ ވަގުތު އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑުމެން މިތިބެނީ ރައްޔިތުންނަށް ހިދުމަތްދޭށޭ. އެހެންވެއްޖެއްޔާ ރޭ އަޅުކަން ކުރުމަށްފަހުގައި ވެސް އަޅުގަނޑުމެންގެ ހަވާލުވެފައިވާ ޒިންމާއަކުން އަޅުގަނޑުމެންނަށް ބަރީއައެއް ނުވެވޭނެއޭ. އަޅުގަނޑަށް ޔަގީން އިސްލާމްދީނަކީ ވަރަށް ފުރިހަމަ ދީނެއް. އަޅުގަނޑުމެން ޖެހޭ ހުރިހާ ކަމެއް ހަމަހަމަ ކަންމަތީގައި ކުރަން،" އެކަމަނާ ވިދާޅުވިއެވެ.

މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.