އެސްއެމްއީ ޑިޖިޓަލް އަކީ ޝަރީއާ ހަމަތަކަށް ފެތޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކަނޑައަޅާފައިވާ އަމާޒުގެ ދަށުން، އެ ކުންފުނިން މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ލޯނެއް ޝަރީއާ ހުއްދަކުރާ އިސްލާމިކް ފައިނޭންސިން ފެސިލިޓީތަކަށް ބަދަލުކުރުމަށް ކަސްޓަމަރުންނަށް މިއަދު ހުޅުވާލައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި އެ މަސައްކަތުގެ ފުރަތަމަ މަރުހަލާގައި އިސްކަންދީފައިވަނީ، އެކި ސަބަބުތަކާ ހުރެ ކުރިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށެވެ. އެގޮތުން، ގިނަ ފަރާތްތަކެއްގެ ލޯނުތައް މިހާރު ވަނީ އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޝަރީއާ ހުއްދަކުރާ ފެސިލިޓީތަކަކަށް ބަދަލުކޮށްދީފައެވެ.

އެސްއެމްއީ ޑިޖިޓަލުން ބުނީ މިއަދު ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލި ފުރުސަތުގެ ދަށުން، ފެސިލިޓީތައް އަލުން ތަރުތީބުކޮށް، މަހުން މަހަށް ދައްކަން ޖެހޭ އަދަދު އަދި ފައިސާ ދައްކާ ހަލާސްކުރުމުގެ މުއްދަތު އިތުރުކުރުން ފަދަ ލުއިތައް ލިބިގެންދާނެ ކަމަށެވެ. އޭގެ އިތުރުން، ގަވާއިދުން ފައިސާ ނުދެއްކި ހުރި ފެސިލިޓީތައް ޝަރީއާ ހުއްދަކުރާ އުސޫލުތަކުގެ ތެރެއިން، އަލުން ރެގިއުލަރައިޒް ކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ފަހިވެގެންދާނެ ކަމަށް އެސްއެމްއީ ޑިޖިޓަލުން ބުންޏެވެ.

މިހާތަނަށް އިސްލާމިކް ފައިނޭންސިންއަށް ބަދަލުކުރުމުގެ އޮފާ ލިބިފައިނުވާ ހުރިހާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލުން ރީފައިނޭންސިން އޮފާ މިހާރު ވަނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ފޮނުވަން ފަށައިފައެވެ. ފެސިލިޓީތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރަށް ލިބިފައިވާ އޮފާ ގަބޫލުކުރުމުންނެވެ.

އެސްއެމްއީ ޑިޖިޓަލުން ބުނީ އޮފާ ފޮނުވުމަށްފަހު، ފެސިލިޓީއަށް އަންނަ ބަދަލުތަކުގެ ތަފްސީލުތައް އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ކަސްޓަމަރުންނަށް ގުޅައިގެން ހިއްސާކުރާނެ ކަމަށެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މިދިޔަ އޮކްޓޯބަރު މަހު ފެށި އެ މަސައްކަތުގެ ފުރަތަމަ މަރުހަލާ ފަށައި ކާމިޔާބުކަމާއެކު ކުރިއަށްގެންދެވިފައިވާ ކަމަށެވެ.

އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ލޯނެއް އިސްލާމިކް އުސޫލުތަކުގެ ތެރެއިން ފައިނޭންސިން ކޮންޓްރެކްޓްތައް ބޭނުންކޮށްގެން ޝަރިއާ ހަމަތަކުގެ މަތިން ދޫކުރާ ފެސިލިޓީތަކަށް ހެދުން، އަދި ވީހާވެސް އަވަހަކަށް އިސްލާމިކް ފައިނޭންސިން އިންޓިޓިއުޝަންއަކަށް ބަދަލުވުން. އަދި މި ބަދަލުގެ ތެރޭގައި ކަސްޓަމަރުންނަށްވެސް ވީހާވެސް ލުއިފަސޭހަ ފުރުސަތުތަކެއް ގެނެސްދިނުން،" ބަދުރުއްދީން ވިދާޅުވިއެވެ.

އެސްއެމްއީ ޑިޖިޓަލުން ބުނީ ކަސްޓަމަރުންނަށް ފޮނުވާފައިވާ އޮފާގެ ތަފްސީލުތައް ބަލައި، އެ އޮފާ ގަބޫލުކުރުމަށް އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓްގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ކުރިއަށްގެންދެވޭނެ ކަމަށެވެ.