އުމުރުން ދެ އަހަރުވަންދެން، ދަރިފުޅު ބެލުމަށް ވަގުތު ދިނުމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކޯޓާ ފީ ކަނޑާލެވޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނު އިސްލާހު ކުރަން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ މިބިލު ސަރުކާރުގެ ފަރާތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ބިދޭސީ މުވައްޒަފުން ގެންނަން ދައްކަން ޖެހޭ ކޯޓާ ފީ ދެއްކުން އިސްތިސްނާ ކުރެވޭ ހާލަތްތަކެއް މި ބިލުގައިވަނީ ކަނޑައަޅައިފައެވެ.

ގާނޫނުގެ 65 ވަނަ މާއްދާއަށް ގެންނަން ހުށަހަޅާގައިވާ މި އިސްލާހުގައި ބުނެފައިވަނީ، މި މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހު ވަކި ބާވަތެއްގެ ވިޔަފާރިތަކަށް ނިސްބަތްވާ ވަޒީފާ ދޭ ފަރާތްތަކަށް ދައްކަންޖެހޭ ކޯޓާފީ ދެއްކުމުން އިސްތިސްނާ ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ.

އެގޮތަށް ކޯޓާ ފީ ދެއްކުން އިސްތިސްނާ ދެވޭ ވިޔަފާރިތައް ވަޒީރުންގެ މަޖިލީހުން ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަންވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަމަވުމަށްފަހު މަސައްކަތަށް ނުކުތަސް، ދަރިފުޅަށް ކޮށްދޭންޖެހޭ ކަންކަން ކުރުމަށް މުވައްޒަފުންނަށް ހުސް ވަގުތު ދޭ މުއްދަތު އިތުރުކުރަން ވެސް މި ބިލުގައި ވަނީ ހިމަނައިފައެވެ.

މިހާރު ގާނޫނު އޮންނަނީ ދަރުފުޅުގެ އުމުރުން އެއް އަހަރު ވަންދެން، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭންޖެހޭ ގޮތަށެވެ.

ނަމަވެސް ބިލުގައި ވަނީ ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭންޖެހޭ ގޮތް ހެދުމަށް ހިމަނައިފައެވެ.

ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސްގެ މުއްދަތަށް ވެސް މި އިސްލާހުގައި ބަދަލު ގެންނަން ވަނީ ހުށަހަޅައިފައެވެ.

މިހާރުގެ ގާނޫނު އޮންނަ ގޮތުން، ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހެނީ ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް އުޅުނު މުވައްޒަފުންނަށް ކަމަށްވީ ނަމަވެސް އެ ބިލު އޮންނަ ގޮތުން އެއް އަހަރުނުވާ ކޮންމެ މުވައްޒަފަކަށް ވެސް މަދުވެގެން ދެ ހަފުތާގެ ނޯޓިހެއް ދޭން ޖެހޭނެއެވެ.

ނަމަވެސް އެއަށްވުރެ ކުރު މުއްދަތެއް ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގެ ނޯޓިސްގެ ގޮތުގައި ދޭންޖެހޭ ގޮތަށް ދެ ފަރާތުން އެއްބަސްވުމަށް ފުރުސަތު އޮންނާނެ ކަމަށް އެ ބިލުގައިވެއެވެ. އޭގެ އިތުރުން ބައެއް ބާވަތުގެ ވިޔަފާރިތަކަށް ބިދޭސީން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ވެސް އެ ބިލުގައި ހުށަހަޅާފައިވެއެވެ.

ނަމަވެސް އެގޮތަށް އިސްތިސްނާއެއް ދެވޭނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި އާ ވިޔަފާރިތަކަށް ފުރުސަތު ދިނުމާއި ވިޔަފާރީގެ ވާދަވެރިކަން އުފެއްދުމަށް ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.