މިރޭ ހަނދު ފެންނަން ހުންނާނެ ކަމަށް ދައްކާތީ، ފުރަތަމަ ރޯދަ ދުވަހަށް މާދަމާ ވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަކީ ހިސާބުތައް ދައްކާ ގޮތުން މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނެ ކަމަށެވެ.

މައުމޫން ވަނީ ރޯދަ މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހުރިހާ މުސްލިމުންނަށް އަރިސް ކުރައްވައިފައެވެ.

އިތުބާރު ހުރި ފަލަކީ ހިސާބަށް ބަލާއިރު، ޝައުބާން މަހުގެ 29 ވަނަ ދުވަހު އިރުއޮއްސުމަށް ފަހު ހަނދު ފެންމަތީގައި ނުހުންނާނެ ކަމަށް ދައްކާ ނަމަވެސް ޝައުބާން މަހުގެ 30 ދުވަސް ފުރިހަމަ ކުރާނެއެވެ.

ތުރުކީ ފަދަ އިސްލާމީ ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލަށް ބަލާއިރު، ހަނދާއި އިރާއި ބިން އެއް ރޮނގަކަށް އައިސް މާރަހަވުމަށް ފަހު، ދެން އިރު އަރާނީ ހަނދު މަހުގެ ފުރަތަމަ ދުވަހަށެވެ. މި ގޮތުން ބަލާއިރު މި މަހު ދުނިޔެ އާއި އިރާއި ހަނދު އެއް ރޮނގަކަށް އައިސް މާރަހަވާނީ، މިއަދު (ފެބުރުވަރީ 17، އަންގާރަ ދުވަހު) ރާއްޖޭ ގަޑިން ހަވީރު 05:01 ގައެވެ. މާރަހަވުމަށް ފަހު ދެން އަންނަ އަލިވިލޭ ދުވަހަކީ ބުދަ ދުވަހެވެ. މާދަމާއެވެ. އެހެންކަމުން މިއުސޫލުން ބަލާއިރު މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މާދަމާއެވެ.

ސަޢުދީ ޢަރަބިއްޔާގައި ހަނދުމަސް ފެށުމުގައި ފަލަކީ ޢިލްމުގެ އަލީގައި އަމަލު ކުރާ ގޮތަކީ، އިރު އޮއްސުމުގެ ކުރީން މާރަހަވެފައި، އިރުއޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އާ މަސް ފެށުނީ ކަމަށް ބެލުމެވެ. މާރަހަވަނީ މައްކާ ގަޑިން މިއަދު މެންދުރު ފަހު 03:01 ގައެވެ. މައްކާއަށް އިރު އޮއްސޭނީ މައްކާ ގަޑިން 18:20 ގައެވެ. ހަނދު އޮއްސޭނީ 18:22 ގައެވެ. މިއީ ގާތްގަނޑަކަށް 2 މިނެޓުގެ ފަސްވުމެކެވެ.

އިސްލާމީ ދުނިޔޭގެ އެންމެ ހުޅަނގުން ސެނެގޯލްގެ ޑާކާރަށް އިރު އޮއްސޭނީ އެތަނުގެ ގަޑިން 19:15 ގައެވެ. ހަނދު އޮއްސޭނީ 19:26 ގައެވެ. މިއީ 11 މިނެޓުގެ ފަސްވުމެކެވެ.

އެހެން ކަމުން ފަލަކީ އިލްމުގެ އަލީގައި ހަނދުމަސް ފެށުމަށް ސަޢުދީ ޢަރަބިއްޔާގައި އަމަލުކުރާ އުސޫލުން ބެއްޔަސް، އަދި ތުރުކީ ފަދަ ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލުން ބެއްޔަސް މިއަދަކީ މިއަހަރުގެ ޝައުބާން މަހުގެ އެންމެ ފަހު ދުވަހެވެ. އަދި މާދަމާ، 18 ފެބުރުވަރީ 2026 ވާ ބުދަ ދުވަހަކީ 1447 ވަނައަހަރުގެ މުލަ ރޯދަ ދުވަހެވެ. މީގެ އިތުރުން އުތުރު އެމެރިކާގެ މުސްލިމުން ތަމްސީލުކުރާ އެންމެ ބޮޑު އިލްމުވެރީންގެ ޖަމާއަތް ކަމަށް ވާ "އުތުރު އެމެރިކާގެ ފިޤުހުކައުންސިލުން" ވެސް ވަނީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް އިއުލާންކޮށްފައެވެ.