މިއަދަކީ 1447 ވަނަ އަހަރުގެ ޝައުބާން މަހުގެ29 ވަނަ ދުވަހެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރު ރާއްޖޭގެ ބައެއް ރަށްރަށަށް އޮއްސޭއިރު، މިނެޓަކަށް ވުރެ މަދު ވަގުތުކޮޅަކު ނަމަވެސް ހަނދު ފެންމަތީގައި ހުންނާނެއެވެ. ހަނދާއި ބިމާއި އިރު، އެއްއުއިވުމަށް ފަހު، އިރުއޮއްސޭއިރު ހަނދު ފެންމަތީގައި ހުރުމަކީ ހަނދު މަހުގެ އާ މަހެއް ފެށުމަށް ޝަރުތެއްގެ ގޮތުގައި ބަލާތީ، މި އުސޫލުން ބަލާއިރު، މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައެޅުމުގެ ފުރުސަތު އެބަ އޮތެވެ.

ހަނދު މަހުގެ އާ މަހެއް ފެށުމުގެ ޝަރުތެއްގެ ގޮތުގައި ދެން އޮންނަނީ އިރުއޮއްސުމުގެ ފަހުން ހަމަލޮލަށްހަނދު ފެނުމެވެ. ހަމަލޮލަށް ހަނދު ފެންނާނީ އެކަމަށް އެކަށީގެންވާ ގޮތަށް ކަންތައްތައް ފުރިހަމަ ވެގެންނެވެ. މި ގޮތުން އުޑުމަތި ސާފުވުމާއި، އިރުގެ ދަޅައިން ބޭރުގައި ހަނދުހުރުމާއި އިރުއޮއްސުމަށް ފަހު، އެކަށީގެންވާ ވަރަށް ގިނަ އިރު ވާން ދެން ހަނދު ނުއޮއްސިހުރުން ފަދަ ކަންކަމަކީ ހަމަ ލޮލަށް ހަނދު ފެނުމުގެ ފުރުސަތު ބޮޑުކޮށް ދޭ ކަންކަމެވެ.

ޝަޢުބާން މަހުގެ 29 ވަނަ ދުވަހު އިރު އޮއްސުމަށްފަހު ލޮލަށް ހަނދު ފެނިއްޖެކަން ސާބިތުވުމުން ނޫނީ ދިވެހިރާއްޖެ އާއި އަދިވެސް ވަރަށްގިނަ އިސްލާމީ ގައުމުތަކުގައި ރަމަޟާން މަސް ފެށިއްޖެ ކަމުގައި ބަލަނީ، ޝަޢުބާން މަހުގެ 30 ދުވަސް ހަމަކޮށް އެ ދުވަހުގެ އިރު އޮއްސުމުންނެވެ. އިތުބާރު ހުރި ފަލަކީ ހިސާބަށް ބަލާއިރު، ޝަޢުބާން މަހުގެ 29 ވަނަ ދުވަހު އިރުއޮއްސުމަށް ފަހު ހަނދު ފެންމަތީގައި ނުހުންނާނެ ކަމަށް ދައްކާ ނަމަވެސް ޝަޢުބާން މަހުގެ 30 ދުވަސް ފުރިހަމަ ކުރާނެއެވެ.

ތުރުކީ ފަދަ އިސްލާމީ ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލަށް ބަލާއިރު، ހަނދާއި އިރާއި ބިން އެއް ރޮނގަކަށް އައިސް މާރަހަވުމަށް ފަހު، ދެން އިރު އަރާނީ ހަނދު މަހުގެ ފުރަތަމަ ދުވަހަށެވެ. މި ގޮތުން ބަލާއިރު މި މަހު ދުނިޔެ އާއި އިރާއި ހަނދު އެއް ރޮނގަކަށް އައިސް މާރަހަވާނީ، މިއަދު (ފެބުރުވަރީ 17، އަންގާރަ ދުވަހު) ރާއްޖޭ ގަޑިން ހަވީރު 05:01 ގައެވެ. މާރަހަވުމަށް ފަހު ދެން އަންނަ އަލިވިލޭ ދުވަހަކީ ބުދަ ދުވަހެވެ. މާދަމާއެވެ. އެހެންކަމުން މިއުސޫލުން ބަލާއިރު މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މާދަމާއެވެ.

ސަޢުދީ ޢަރަބިއްޔާގައި ހަނދުމަސް ފެށުމުގައި ފަލަކީ ޢިލްމުގެ އަލީގައި އަމަލު ކުރާ ގޮތަކީ، އިރު އޮއްސުމުގެ ކުރީން މާރަހަވެފައި، އިރުއޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އާ މަސް ފެށުނީ ކަމަށް ބެލުމެވެ. މާރަހަވަނީ މައްކާ ގަޑިން މިއަދު މެންދުރު ފަހު 03:01 ގައެވެ. މައްކާއަށް އިރު އޮއްސޭނީ މައްކާ ގަޑިން 18:20 ގައެވެ. ހަނދު އޮއްސޭނީ 18:22 ގައެވެ. މިއީ ގާތްގަނޑަކަށް 2 މިނެޓުގެ ފަސްވުމެކެވެ.

އިސްލާމީ ދުނިޔޭގެ އެންމެ ހުޅަނގުން ސެނެގޯލްގެ ޑާކާރަށް އިރު އޮއްސޭނީ އެތަނުގެ ގަޑިން 19:15 ގައެވެ. ހަނދު އޮއްސޭނީ 19:26 ގައެވެ. މިއީ 11 މިނެޓުގެ ފަސްވުމެކެވެ.

އެހެން ކަމުން ފަލަކީ އިލްމުގެ އަލީގައި ހަނދުމަސް ފެށުމަށް ސަޢުދީ ޢަރަބިއްޔާގައި އަމަލުކުރާ އުސޫލުން ބެއްޔަސް، އަދި ތުރުކީ ފަދަ ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލުން ބެއްޔަސް މިއަދަކީ މިއަހަރުގެ ޝައުބާން މަހުގެ އެންމެ ފަހު ދުވަހެވެ. އަދި މާދަމާ، 18 ފެބުރުވަރީ 2026 ވާ ބުދަ ދުވަހަކީ 1447 ވަނައަހަރުގެ މުލަ ރޯދަ ދުވަހެވެ. މީގެ އިތުރުން އުތުރު އެމެރިކާގެ މުސްލިމުން ތަމްސީލުކުރާ އެންމެ ބޮޑު އިލްމުވެރީންގެ ޖަމާއަތް ކަމަށް ވާ "އުތުރު އެމެރިކާގެ ފިޤުހުކައުންސިލުން" ވެސް ވަނީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް އިއުލާންކޮށްފައެވެ.